އައްޑޫސިޓީ ހިތަދޫގައި ލޮރީއަކުން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން އަންނަނީ އަވަސް ފަރުވާ ވާދޭ ރޫމްގައި ކަމަށެވެ.

އޭނާގެ ހާލަތާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހޮސްޕިޓަލަކުން ނުދެއެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނަކަށް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަގޮތުގައި މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ފިރިހެނެއްގެ ގަޔަށް ލޮރީ އަރައެވެ. އަދި އޭނާ ވެއްޓޭ މަންޒަރާއި އޭނާގެ ގައިމަތިން ލޮރީ ދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ހިތަދޫން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އޭނާގެ މޫނަށާއި ބޮލުގެ އިތުރުން ގަޔަށް އެކި ވަރުގެ ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށެވެ. އެގޮތުން އޭނާގެ ފުއްޕާމެއަށް ވެސް އަނިޔާވެފައިވާކަމަށް އޭނާ ކިޔައިދިނެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.