08 Sep 2022, 09:44
މެރޫން 5ގެ ލީޑް ސިންގާ އެޑަމް ލެވީން އާއި އަނބިމީހާ ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ބެހާޓީ ޕްރިންސްލޫއަށް ތިންވަނަ ދަރިއަކު ލިބެނީއެވެ.
ހޮލީވުޑް ހަބަރުތައް ބުނާގޮތުން، މި ދެމަފިރިންނަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭއިރު ސަންޓަ ބާބަރާއިން ކައިގެން އެ ދެ ތަރިން ނިކުތް އިރު އެޑަމްގެ އަންހެނުން، ލައިގެން ހުރި ހެދުމުން އެކަން ޔަގީންވާ ކަމަށްވެއެވެ.
މި ދެމަފިރިންގެ މިހާރު ތިބި ދެ ކުދިންނަކީ ފަސް އަހަރުގެ ޑަސްޓީ ރޯޒް އާއި ހަތަރު އަހަރުގެ ޖިއޯ ގްރޭސްއެވެ.

'އެންޓަޓެއިންމަންޓް ޓުނައިޓް' އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބެހާޓީ ވަނީ ބޮޑު އާއިލާ އެއް ބޭނުންވާ ކަމަށް ބުނެފައެވެ. އަދި، އެއީ އެޑަމްގެ ވިސްނުންވެސް ހުރިގޮތް ކަމަށް ބުނެފައިވެއެވެ.
"ދެމީހުންވެސް ބޭނުންވޭ ގިނަ ދަރިން. ކައިރި ކައިރީގައި ދަރިން ހޯދާ ފަސްވަރަކަށް ކުދިން ބޭނުންވޭ. އަހަރުމެން ބޭނުންވަނީ ބޮޑު އާއިލާއެއް. ކުޑަ ދެ ކުދިން އެކުގައި އެހެން އުޅޭތަން ފެނުނީމަ އަދި އެކަކު ހޯދާހިތްވޭ. އެހެން އެކުގައި އުޅޭތަން ވަރަށް ލޯބި،" ބެހާޓީ ބުންޏެވެ.
އެޑަމް އާއި ވިކްޓޯރިއާ ސީކްރެޓް މޮޑެލް ބެހާޓީ ޕްރިންސްލޫ ލޯބީގެ ގޮތުން 2013 ގައި ގުޅި، ކައިވެނި ކޮށްފައިވަނީ 2014 ގައެވެ.
އެޑަމް ލެވިންއަކީ 'ޝީ ވިލް ބީ ލަވްޑް'' އާއި 'ގާލްސް ލައިކް ޔޫ' އާއި 'މޫވްސް ލައިކް ޖެގަ' ފަދަ ލަވަތައް ކިޔާ އެ ލަވަތަކުން ގްރެމީސް އެވޯޑު ހޯދާފައިވާ ތަރިއެކެވެ. ގްރެމީސްގެ އިތުރުން، އިންޓަނޭޝަނަލް ޑާންސް މިއުޒިކް އެވޯޑާއި އެމްޓީވީ އެވޯޑާއި ޕީޕަލްސް ޗޮއިސް އެވޯޑް ފަދަ މަގުބޫލު އެވޯޑުތައް އެތައް ފަހަރަކު ހޯދާފައިވެއެވެ.