08 Sep 2022, 09:33
ބޮލީވުޑުގެ ބަތަލާ ސުޝްމިތާ ސެންގެ ކުރީގެ ލޯބިވެރިޔާ ރޯމަން ޝޯލް ބޮލީވުޑް ފިލްމަކަށް ސޮއިކޮށްފިއެވެ.
މޮޑެލް އެއްގެ ގޮތުގައި މަސައްކަތްކުރާ ރޯމަންގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ މާ ބޮޑު ތަފްސީލެއް ނުދިން ކަމުގައިވިޔަސް މި ފިލްމުގައި އޭނާ ކުޅޭނީ ކަޝްމީރު މީހެއްގެ ކެރެކްޓާ ކަމަށް ބުންޏެވެ. އަދި، މި ފިލްމަކީ 2018ގައި ނެރުނު 'ހެލިކޮޕްޓަރު އީލާ'ގެ ޑައިރެކްޝަންގައި މަސައްކަތްކުރި އާޚިލް އަބްރޯލް ޑައިރެކްޓްކުރާ ފިލްމެކެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ރޯމަން ބުނެފައިވަނީ، އޭނާއަށް މަގުބޫލުކަން ލިބުނީ ސުޝްމިތާ އާ ގުޅުމުން ކަމަށާއި އޭނާގެ މޮޑެލިން ކެރިއާ އާ ދުރަށްޖެހި ފިލްމުތައް ލިބެން ފެށި ކަމަށެވެ. އެހެންނަމަވެސް، ފިލްމަކަށް އެއްބަސްވެފައި ވަނިކޮށް އެ ފިލްމުން އޭނާ ބޭރުކޮށްލުމުން ކުރިން ލިބުނު ފުރުސަތުތައް ވެސް ލިބުން ހުއްޓުނު ކަމަށް ބުންޏެވެ.
ރޯމަން އިތުރަށް ބުނީ އޭނާ އެންމެ މަސައްކަތްކުރާ ހިތް ވަނީ ލޯބީގެ ހެއްވާ މަޖާ ފިލްމެއްގައެވެ. އަދި، އެއީ އޭނާ އަށް ކަމުދާ ޖޯންރާގެ ފިލްމުތައް ކަމަށް ބުނެފައިވެއެވެ.
"އެންމެ ފުރަތަމަ ޗާންސެއް ދޭން ބޭނުމީ އެކްޓިން ކެރިއާއަށް. މިކަން ނުކުރެވުނިއްޔާ ރިއަލިޓީ ޓީވީ ޝޯތަކަށް ދާނީ. އެކަހަަލަ ޝޯތަކާ ދެކޮޅު ވަނީ އެއް ނޫން އެކަމަކު، މި ދުވަސްކޮޅު ބޭނުމެއް ނުވޭ،" އެކި ރިއަލިޓީ ޝޯތަކުން ވެސް ފުރުސަތު ލިބި ރިޖެކްޓުކޮށްލާފައިވާ ކަމަށް ބުނި ރޯމަން ބުންޏެވެ.
ރޯމަން އާއި ސުޝްމިތާ ގުޅުނީ އޮންލައިން ޕްލެޓްފޯމް އިންސްޓަގްރާމުންނެވެ. އެ ދެ ތަރިން ވަކިވެފައިވަނީ 2020ގަ އެވެ. އެއަށްފަހު ސުޝްމިތާ ވަނީ 58 އަހަރުގެ ވިޔަފާރިވެރިޔާ ލަލިތު މޯދީ އާ އެކުގައި އުޅޭ ކަމަށްބުނެފައެވެ. މި ގުޅުމަށް އޭނާގެ ބައެއް ފޭނުން ބުނީ، 'ކުރިން ކުޑަކުއްޖަކާ އެކީ އުޅެފައި މިހާރު މުސްކުޅިއެއް ހޯދީ' ކަމަށެވެ. ދެ މަހުގެ މި ގުޅުންވެސް ނިމިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.