08 Sep 2022, 09:24
މިދިޔަ ޖުލައި މަހު ރިލީޒްކުރި 'އެކް ވިލަން'ގެ ސީކުއެލް 'އެކް ވިލަން ރިޓާންސް' މާދަމާ އިން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.
ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރު އާއި ޑިޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ ލީޑް ރޯލުން ފެނުނު މި ފިލްމު ނެޓްފްލިކްސްއިން ފެންނަ ގޮތަށް ހެދި އިރު ބޮލީވުޑް ސިނަމާގައި މި ފިލްމަށް ލިބުނު ތަރުހީބު ކުޑައެވެ. 'އެކް ވިލަން' އަށް ލިބުނު މަގުބޫލު ކަމާ އަޅާކިޔާއިރު މި ފިލްމުގެ ރިވިއުތަކުގައި ހިޔާލު ތަފާތެވެ.
މި ފިލްމާ ގުޅޭގޮތުން ގިނަ ކްރިޓިކުން ފާހަގަކުރާ ގޮތުގައި ފިލްމުގައި ދައްކުވައިދިން އެކްޓިން އެހާ ފުރިހަމަ އެއް ނޫނެވެ. އެހެންނަމަވެސް، ފިލްމުގެ ލަވަތައް ރީތިވެފައި ހިތްގައިމު ކަމަށް ބުނެފައިވެއެވެ. ފިލްމު ރޭޓް ކުރާ އައިއެމްޑީބީއިން މި ފިލްމަށް ދީފައިވަނީ 10 އަކުން 5 ތަރިއެވެ. މި ފިލްމު ބޮކްސް އޮފީސް ޗާޓުގައި ފްލޮޕަކަށް ވީއިރު، ފިލްމު ހަދަން ކުރި ހަރަދުވެސް ނުހޯދޭ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ދެހާސްސާދައިގައި ނެރުނު ސަސްޕެންސް ތުރިލާގެ ސީކުއެލްއަށް ބޮލީވުޑް ސިނަމާއިން މާ ބޮޑު ތަރުހީބެއް ނުލިބުނުއިރު، ނެޓްފްލިކްސް އިން މި ފިލްމު ސްޓްރީމް ކުރެވޭ ގޮތް ހެދީވެސް މި ސަބަބާ ހުރެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ދެހާސްސާދަ ވަނަ އަހަރު ރިލީޒްކުރި މޯހިތު ސޫރީގެ ރޮމޭންޓިކް ތްރިލާ "އެކް ވިލަން" އަކީ އެ އަހަރުގެ 7 ވަނައަށް އެންމެ ބޮޑު އޯޕަނިންގް އޮތް ފިލްމެވެ.
މޯހިތު ސޫރީ ޑައިރެކްޓުކުރި މި ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ބަލާޖީ މޯޝަން ޕިކްޗާސް އާއި ޓީސީރީޒް އިންނެވެ.