08 Sep 2022, 08:45
ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސިވިލާތުގެ ލިވަޕޫލާއި އިޓަލީގެ ނަޕޯލީ ބައްދަލުކުރި މެޗް ކުރިން ހީކުރި ގޮތާއި ހިލާފަށް ނަޕޯލީ ކާމިޔާބުކޮށް އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ނަމުން ނަންދީފައިވާ ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލްގެ މައްޗަށް ނަޕޯލީ ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ވަރަށް ކުރީކޮޅު ނަޕޯލީން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ.
މެޗްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ނަޕޯލީއަށް ކާމިޔާބުކޮށްދިނީ ފަސްވަނަ މިނެޓްތެރޭގައި ލިބުނު ޕެނަލްޓީއަކުން މެދުތެރެއަށް ކުޅެމުން އަންނަ ޕިއޮޓްރް ޒިއެލެންސްކީއެވެ. މި ލަނޑަށްފަހު ވެސް ނަޕޯލީން އައީ ލިވަޕޫލްގެ ޑިފެންސްލައިނަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއަކަށްވީ 31 ވަނަ މިނެޓް ތެރޭގައި ނަޕޯލީން ލީޑް ފުޅާކުރުމެވެ. މި ލަނޑު ޖަހައިދިނީ ޒަމްބޯ އަންގުއިއްސާއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީން ވަނީ 44 ވަނަ މިނެޓް ތެރޭގައި ލީޑް ފުޅާކޮށް ހަމަޖެހިލައިފައެވެ. މި ލަނޑު ޖަހައިދިނީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗް މަޝްހޫރު ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު ޖިއޮވާނީ ސިމިއޯނީއެވެ.
މިއީ ޗެމްޕިއަންސްލީގްގައި ޖިއޮވާނީ ކުޅުނު ފުރަތަމަ މެޗެވެ. ޗެމްޕިއަންސް ލީގްގައި ލަނޑެއް ޖެހުމަކީ ޖިއޮވާނީ ކުޑައިރުން ފެށިގެން އުއްމީދު ކުރަމުން އަންނަ ކަމެކެވެ.
މެޗްގެ ދެވަނަ ހާފުގެ ކުޅުން ނަޕޯލީން ފެށީވެސް ލަނޑަކުންނެވެ. މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި ޒިއެލިންސްކީއެވެ. މެޗްގައި ލިވަޕޫލަށް ސުން ކަނޑުވާލަދިނީ 49 ވަނަ މިނެޓް ތެރޭގައި ކޮލަމްބިއާގެ ޒުވާން ފޯވަޑް ލުއިޒް ޑިއަޒްއެވެ.
ނަޕޯލީގެ ދަނޑުގައި ލިވަޕޫލަށް އެޓީމް ބަލިކުރަން އަބަދުވެސް އުނދަގުލެވެ. މި ގޮތުން ކްލޮޕްގެ ކޯޗްކަމުގެ ދަށުން މި ދަނޑުގައި ލިވަޕޫލަށް ނަޕޯލީގެ އަތްދަށުން ސަލާމަތް ވެވެނީ ވަރަށް މަދުފަހަރަކުއެވެ. ޔުއެފާ ޗެމްޕިއަންސްލީގް ލިވަޕޫލް އާއި ނަޕޯލީ ހިމެނޭ ގްރޫޕްގެ އަނެއް މެޗުގައި އަޔަކްސް އާއި ރޭންޖާސް ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަޔަކްސްއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ކުޅުނު އިތުރު މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕަރ އާއި މާސޭ ބައްދަލުކުރިމެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމެވެ. އެތްލެޓިކޯ މެޑްރިޑާއި ޕޯޓޯ ބައްދަލުކުރިމެޗް 1-2 އިން ކާމިޔާބުކުރީ އެތްލެޓިކޯ މެޑްރިޑެވެ.
ބާސެލޯނާ އާއި ރަޝިއާގެ ވިކްޓޯރިއާ ބައްދަލުކުރިމެޗް 1-5 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކުރިއިރު، އިންޓަރމިލާނާއި ބެޔާން މިއުނިކް ބައްދަލުކުރިމެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބެޔާންނެވެ.