03 Mar 2010, 11:54
14:30
ވެރިކަން ކުރައްވަމުން ގެންދަވަނީ އަމިއްލަ ބޭނުންފުޅުތަކެއް އޮވެގެން ނޫން ކަމަށާއި، ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރޭ ށ. ފޯކައިދުއަށް ވަޑައިގެން ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ވެރިކަން ކުރައްވަމުން ގެންދަވާއިރު ހޯއްދަވަން ބޭނުންފުޅުވަނީ ރައްޔިތުން ދެކޭ ގޮތް ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެން ތިއްބެވީ މިއީ، ކޮންކަމެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީގައި ރައްޔިތުންގެ އަޑުއެއްސެވި ކަމަށާއި، ވެރިކަމުގައި މި ހުންނެވީ މިކަން ކުރެއްވޭނެ ކަމަށް ހިތުގެ އަޑިން ގަބޫލު ކުރައްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ހާލަތު އޮތް ގޮތުގެ މައްޗަށް ބައްލަވާލައްވަމުން، އޭރު ރާއްޖެ އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރާފައި ކަމަށާއި، ލިބޭ މިންވަރަށްވުރެ މާބޮޑަށް ޚަރަދުކޮށް، ނާޖާއިޒު ފައިދާ ނަގަމުން ގެންގޮސްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެދުވަހު ރާއްޖެ އޮތީ ބަދަލުކުރުމުގެ ރޫޙުގައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އޭރު ކަންކަން ކުރަމުން ގެންދިޔަ ގޮތަށް މިއަދު ކަން ހިންގަވަން ފެށްޓެވިނަމަ، ޤައުމު މިހާރު އޮންނާނީ ހަލާކުގެ ތެރެއަށް ގޮސްފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.