އައްޑޫސިޓީ ހިތަދޫގައި ލޮރީއަކުން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ފިރިހެނެއްގެ ގަޔަށް ލޮރީ އަރައެވެ. އަދި އޭނާ ވެއްޓޭ މަންޒަރާއި އޭނާގެ ގައިމަތިން ލޮރީ ދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

މި އެކްސިޑެންޓު ހިނގީ މިރޭ އިރުއޮއްސި 6:10 ހާއިރެވެ.

ހިތަދޫން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އޭނާގެ މޫނަށާއި ބޮލުގެ އިތުރުން ގަޔަށް އެކި ވަރުގެ ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށެވެ. އެގޮތުން އޭނާގެ ފުއްޕާމެއަށް ވެސް އަނިޔާވެފައިވާކަމަށް "ސަން"އާ ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

"އެތެރެ ހަށީގެ ގުނަވަންތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ. މިހާރު މާލެ ފޮނުވާލުމުގެ މަސައްކަތް މި ކުރަނީ،" އޭނާ ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.