08 Sep 2022, 09:26
ލިޔަންކިޔަން ނޭނގޭ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ހާއްސަ މަސައްކަތެއް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ އާބާދީގައި ލިޔަންކިޔަން ނޭނގޭ އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްއޮތް އަހަރުތެރޭ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ މަސައްކަތް ކުރަން ނިންމާފައިވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ކަމަށް ވެސް ބަޔާނުގައިވެއެވެ.
ލިޔަންކިޔަން ނޭނގޭ މީހަކު ނެތް ރަށްތައް ވަކި އުސޫލެއްގެ މަތިން ފާހަގަކޮށް، އެކަން އަންގައިދޭ ހަނދާނީ ލިޔުމެއް އެ ރަށްތަކަށް މި އަހަރުތެރޭ ދޭން ނިންމާފައިވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"ލިޔަން ކިޔަން ނުދަތުން ފޮހެލެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުމުގައާއި ލިޔަންކިޔަން ދަންނަ 100 އިންސައްތަ ހާސިލްކޮށްފައިވާ ރަށެއްގެ ގޮތުގައި އެ ރަށެއް ދެމިއޮތުމަށްޓަކައި އެކަމަށް ތައްޔާރުކުރެވިފައިވާ އުސޫލުގައިވާ ޝަރުތުތަށް ފުރިހަމަވާންޖެހޭނެ،" އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން މިއަދު ފާހަގަކުރާ ލިޔަންކިޔަން ދަތުމުގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެ ސްކޫލަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާނެކަމަށް އެ ބަޔާނުގައިވެއެވެ.
"މީގެ ބޭނުމަކީ ފޮތަށް ލޯބި ޖައްސާ ފޮތް ކިޔުމުގެ އާދަ ހަރުލެއްވުމާއެކު ފޮތްކިޔޭނެ މަގު ތަނަވަސްކޮސްދިނުން،" އެ ބަޔާނުގައިވެއެވެ.
ލިޔަންކިޔަން ދަތުމުގެ ދުވަހު ސްކޫލުތަކުގައި ހިންގާ އެންމެ މުހިންމު ހަރަކާތަކީ ނޭޝަނަލް ލިޓަރަސީ އެންޑް މެތަމެޓިކްސް ސްޓްރެޖަޓީގެ އަމާޒަށް ވާސިލުވާނެހެން ރީޑިން ޕްރޮގްރާމް ފެށުންކަމަށް އެ ބަޔާނުގައިވެއެވެ.
އެގޮތުން ބައެއް ސްކޫލުތަކުގައި އަމިއްލަ ރީޑިން ޕްރޮގްރާމެއް މިހާރުވެސް ކުރިއަށްދާތީ އެފަދަ ސްކޫލުތަކުން ވެސް އަލަށް ފަށާ ރީޑިން ޕްރޮގްރާމުގެ މަގުސަދާ އެއްގޮތް ވާނޭހެން އެ ޕްރޮގްރާމް ބައްޓަންކުރުމަށް އެ ބަޔާނުގައި އެދިފައިވެއެވެ.