ދިވެހި ބަސް ކުރިއެރުވޭނީ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެންކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަ ދައްކާ ބަހުރުވަ ވެސް ހިމެނޭކަމަށެވެ. އެހެންކަމުން ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ބަހުރުވައަކީ އެ ބަހަކުން ވާހަކަދައްކާ ރަށެއްގެ ނުވަތަ ނުވަތަ އަތޮޅެއްގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ގުޅިލާމެހިފައި އޮންނަ އެެއްޗެކެވެ. އެއީ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ މުހިންމު މާނަވީ ސަގާފީ ތަރިކައެކެވެ،" އެ ޓްވީޓުގައި ވެއެވެ.

އައްޑޫ ސިޓީ މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މިދިޔަ ހުކުރު ދުވަހު، އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން އިއްޔެ ވަނީ އިމާމަކު ސަސްޕެންޑު ކޮށްފައެވެ. އެ މައްސަލައިގައި ސަސްޕެންޑް ކުރީ މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދު، ކިޔާ އިމާމެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މުދިމު ސަސްޕެންޑު ކުރީ އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން ނޫން ކަމަށެވެ. ނަމަވެސް ޚުތުބާ ކިޔުމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އުސޫލު ތެރޭގަ އޮންނާނެ އިސްލާމިކް މިނިސްޓްރީން ދޭ ހުކުރު ޚުތުބާކަން ހުރިހާ ރަށެއްގަވެސް ކިޔަން ޖެހޭނީ. އެއަށް ބަދަލު ގެނެސްގެން ނުވާނެ ކަން. އެކަމު އައްޑޫގައި އެގޮތަށް ކަންތައް ކުރުމުން ބަހުގެ ދަރަޖައަށް ވެސް ތަފާތު ކަމެއް އައިސް އެތާގެ މީހުން އެބަ ބުނޭ ކީރިތި ރަސޫލާގެ ދަރަޖަ ދަށް ވާ ގޮތަށް މާނަ ދޭހަވިކަމަށް،" މިއުވާން ވިދާޅުވިއެވެ.