އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އަދާކުރައްވަމުން ގެންދަވާ ދައުރު ހަމަވާން ހަފުތާއަކަށް ވެއްޖެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު އެއް އަހަރު ދުވަހުގެ ދައުރަކަށް އެ މަގާމަށް އިންތިޚާބުވި ޝާހިދުގެ ދައުރު ހަމަވާނީ އަންނަ ބުދަ ދުވަހުއެވެ.

ޝާހިދުގެ ދައުރު ހަމަވާން ކައިރިވެފައިވާއިރު، މިއަދު އޭނާ ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާ އެކު ވަދާއީ ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި އޭނާގެ ޝަރަފުގައި ޚާއްސަ ރޭގަނޑުގެ ކެއުމެއް ވެސް ނިއުޔޯކުގައި ހުންނަ އދ.ގެ އޮފީހުގައި ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި ވަދާއީ ހަދިޔާއެއްގެ ގޮތުން ސެކްރެޓަރީ ޖެނެރަލްއަށް ޝާހިދު ވަނީ ބޮޑުބެރެއް އަރުއްވާފައެވެ.

އެ މަގާމަށް ޝާހިދު އިންތިޚާބުވެވަޑައިގަތީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޒަލްމާއީ ރަސޫލާއި ވާދަކުރައްވާ، 143 ވޯޓު، 48 ވޯޓުގެ ތަފާތަކުންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މަޖިލީހެއްގެ އެހާ އިސްމަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މަގާމާ ހަވާލުވުމުގެ ކުރިން ޝާހިދުވަނީ "އުންމީދުގެ ރިޔާސަތު"ގެ ނަމުގައި ތަސައްވުރެއް އެކުލަވާލައްވާފައެވެ. މި ތަސައްވުރުގައި އެކުލެވިގެން ވަނީ "އުންމީދުގެ ފަސް ދޯދި"ގެ ނަމުން ނަންދެވިފައިވާ ފަސް ދާއިރާއަކުން ކުރެވޭ މަސައްކަތްތަކެކެވެ. އެ ފަސް ދާއިރާއަކީ:

  • ކޮވިޑް19 އިން އަރައިގަތުން

  • ދެމެހެއްޓެނިވި ގޮތުގައި އާރާސްތުކުރުން
  • ދުނިޔޭގެ ބޭނުންތަކަށް އިޖާބަދިނުން
  • އެންމެންގެ ހައްގުތަކަށް އިހްތިރާމްކުރުން
  • އދ. ރީފޯމްކުރުން

އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ޝާހިދު ވަނީ މަގާމުގެ ދައުރުގައި ގިނަ މަސައްކަތްތަކެެއް ކުރައްވާފައެވެ. އެގޮތުން، ސްކޮލާޝިޕްތަކާއި، އެފަދަ އެހެނިހެން ގިނަ މަޝްރޫއުތައް ހިމެނެއެވެ.

މީގެ އިތުރުން އޭނާ ވަނީ އދގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާފައެވެ.

ޝާހިދަށް ފަހު، މި އަންނަ ބުދަ ދުވަހު އެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ މި އަހަރުގެ ޖޫންމަހު އެ މަގާމަށް އިންތިޚާބުވެ ވަޑައިގަތް ހަންގެރީގެ ރައީސް އޮފީހުގެ ދެމެހެއްޓެނިވި ތިމާވެއްޓާ ބެހޭ ޑިރެކްޓަރު ސާބާ ކޮރޯސީއެވެ.