31 Mar 2012, 17:59
ޖައްވަށް ދޫކުރާ ވިހަ ގޭސްތަކާއި ދުނިޔެ ހަނގުރާމަ ކުރާތާ ޒަމާންތަކެއް ވެއްޖެ އެވެ. އެ ހަނގުރާމައިގެ ނަތީޖާއަކީ ދުނިޔެއާ އަހަރުމެންގެ ނިމުން ކަމަށް ސައިންސްވެރިން އަބަދުވެސް އިންޒާރުކުރެ އެވެ. ދުނިޔެ ހޫނުވުމާ ކަނޑުގެ ލޮނުގަނޑު އުފުލުމުން އެންމެ ބޮޑަށް އަސަރުކުރާނެ އެއް ގައުމަކީ ރާއްޖެކަން އެންމެން ވެސް ކަށަވަރުކުރެ އެވެ.
ހަގީގަތް އެގޮތަށް އޮތަސް ރާއްޖޭގެ ނިސްބަތުން ދުނިޔެއަށް ކުރާ އަނިޔާ ކުޑައެއް ނޫނެވެ. ސްޓެލްކޯގެ ތަފާސްހިސާބުތަށް ދައްކާގޮތުން 130،000 މީހުން ދިރިއުޅޭ މާލޭން އެކަނި ވެސް އަހަރެއްގެ މައްޗަށް ކަރަންޓް ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ތިން މެގަވޯޓްގެ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެކަނިވެސް ސްޓެލްކޯގެ އިންޖީނުގެތަކަށް ދުވާލަކު 166،000 ލީޓަރުގެ ތެޔޮ އަނދާފައިވާއިރު ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 46400 ކިލޯ ގްރާމްގެ ކާބަން ޖައްވަށް ވާނީ ބޭރުވެފަ އެވެ. އެއީ ހަގީގަތުގައި ވެސް ނިސްބަތުން ބޮޑު އަދަދެކެވެ. ސްޓެލްކޯއިން ވެސް އެ ކަންބޮޑުވުން ފާޅުކުރެ އެވެ.
ރާއްޖެއަށް ކުރެވޭނެ ކަންތައް މަދެވެ. ނަމަވެސް މިރޭ 8:30 އިން 9:30 ބޮކިތައް ނިއްވާލާ "އާތް އަވާ" އާއެކު ދުނިޔެއާ ބައިވެރިވެވިދާނެ އެވެ. ދުނިޔޭގެ 135 ގައުމަށް ވުރެ ގިނަ ގައުމުތަކުން އާތް އަވާގައި ބޮކިތައް ނިއްވާލައި އެންމެ ގަޑިއިރަކަށް ނަމަވެސް ދުނިޔެ އަނދިރި ކޮށްލުމަކީ މުޅި އިންސާނިއްޔަޓަކައި ވެވޭ އެހީއެކެވެ. ރާއްޖޭގައި އާތް އަވާ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރު އެވެ. އެ އަހަރުވެސް އެއް ގަޑިއިރުތެރޭގައި ޖައްވަށް ބޭރުވާނެ ކަމަށް ލަފާކުރި 470 ކިލޯގްރާމްގެ ވިހަ ކާބަން އިން ޖައްވު ވަނީ ސަލާމަތްކުރެވިފަ އެވެ.
އާތް އަވާ ފާހަގަކުރުމަށް 60 މިނެޓަށް ކަރަންޓް ބޭނުންކުރާ ވަރު މަދުކުރަން ދުނިޔޭގެ 135 ގައުމަށް ވުރެ ގިނަ ގައުމުތައް ވަނީ ތައްޔާރުވެފަ އެވެ. އޮސްޓްރޭލިޔާގެ ސިޑްނީން 2007 ގައި ފެށި ކެމްޕޭންގައި 5200 ސިޓީއަކުން 50 މިލިއަނެއްހާ މީހުން އަންނަނީ ބައިވެރިވަމުންނެވެ. މަޝްހޫރު އެތައް އިމާރާތެއްގެ ބޮކިތައް ނިންވާ ދުނިޔެ އަނދިރި ކުރާއިރު މާލޭގެ މޫނުމަތި އަނދިރިކޮށް މައި އެއާޕޯޓް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ވެސް ނިވާލާނެ އެވެ.
އެވަގުތަށް ޓާގެޓްކޮށްގެން ކަރަންޓް ބޭނުންނުކުރާ ކުޅިވަރުތައް ކަމަށްވާ ބޮޑުބެރާއި އަދިވެސް އެހެން ކުޅިވަރުތައް އެކި ސަރަހައްދުތަކުގައި ބައިވެރިވާނެ އެވެ. ޖުމްހޫރީ މައިދާނުން ހަމަ އެކަނި ފެންނާނީ ގައުމީ ދިދަ އެކަންޏެވެ.
ސްޓެލްކޯއިން މިފަހަރު އަންދާޒާ ކުރަނީ އެއްގަޑިއިރުތެރޭ 10،000 ލީޓަރުގެ ތެޔޮ ސަލާމަތްކުރެވި 2000 ކިލޯގެ ކާބަނުން ޖައްވު ސަލާމަތްކުރެވިދާނެ ކަމަށެވެ. އެންވަޔަރަންމަންޓުން މިނިސްޓްރީން ވަނީ ކަރަންޓް ބޭނުން ނުކުރާ ވަގުތު ސްޓެލްކޯގެ ޖަނަރޭޓަރުތަކަށް ލިބޭ ލުއިގެ ތަފްސީލް އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައި ހުންނަ ފޯކަލް ޕޮއިންޓްތަކުން ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ.
"އާތް އަވާ" އިންތިޒާމް ކުރާ ވޯލްޑް ވައިލްޑް ފަންޑް ފޯ ނޭޗާ (ޑަބްލިއުޑަބްލިއުއެފް) އިން މި އަހަރުގެ ހަރަކާތް ފާހަގަކުރަނީ އެންމެ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ދުނިޔެ ސަލާމަތްކުރުމަށް މަސައްކަތްކުރާ ވޮލަންޓަރީ ހަރަކާތުގެ ގޮތުގަ އެވެ. މުޅި ރާއްޖެ ވެސް އެ ހަރަކާތަށް ތައްޔާރުވެ ރާއްޖެ އަނދިރި ކުރާއިރު ކޮންމެ މީހަކުވެސް އަމިއްލަ ގޭގެ ބޮކިތައް ނިންވާ އުއްބަތީގެ އައްޔަށް ގަޑިއިރަކަށް ނަމަވެސް ދާންޖެހެ އެވެ. މުޅި ދުނިޔެއަށްޓަކައި ނިންވާލާށެވެ.