07 Sep 2022, 18:36
އައްޑޫ ސިޓީ ހިތަދޫ ކުޅީގައި ވަރަށް ބޮޑަށް އަލިފާން ރޯވެ ފެތުރެމުން އެބަދެއެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއު ސާވިސް އާއި ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ހިތަދޫ ކުޅީގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ ހަވީރު 5:30 ހާއިރު ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒް "ސަން"އަށް ވިދާޅުވީ އެ ހާދިސާގައި ކުޅީގެ ބޮޑުބައެއް އަނދައިފައިވާ ކަމަށެވެ. އަދި ވައި ހުރި ގޮތުން އަލިފާންގަނޑު ކޮންޓްރޯލްނުވެ އަދިވެސް ފެތުރެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"އެއް ފަޅީގަ އެއްކޮށް ރޯވެފަ މިހާރު ވަނީ. އެމްއެންޑީއެފުން އަޅުގަނޑުމެނަށް ޔަގީންކަން ދީފަ އޮތީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭނެކަމަށް އެކަމަކު ވައި ހުރިގޮތުން އަދި ދަނީ އަލިފާންގަނޑު ފެތުރެމުން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުޅީގައި ރޯވާން މެދުވެރިވި ސަބަބެއް ނޭނގޭކަމަށެވެ. ނަމަވެސް ގަބޫލުކުރެވޭގޮތުގައި ބަޔަކު ރޯކޮށްލީކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް އަދި ޔަގީންކަމާއެކު ބުނާކަށް ނޭނގެ. މިއަދަކީ ވަރަށް ހޫނު ދުވަހެއް. އެކަށީގެންވޭ ހޫނުގެ ސަބަބުން އަލިފާން ރޯވީކަމަށް ވެސް،" ޝިނާޒް ވިދާޅުވިއެވެ.
ހިތަދޫ މާ ކުޅި އަކީ ހިމާޔަތްކޮށްފައިވާ ކުޅިއެކެވެ.