09 Sep 2022, 10:05
"ތިބާ ދުނިޔެއަށް އެންމެ ފަހު ނޭވާލުމަށްފަހު ހުވަފެނުން ހޭލެވި ދާއިމީ ގޮވަތްޗަށް އާދެވުނީއެވެ. ކިތަންމެ ފައިސާއާއި މުދަލާއި ގަނޑުވަރާއި އެއްކޮށްފައި ހުއްޓަސް އިއްޒަތާއި ޝަރަފުގައި އެ ހުވަފެނުގައި އުޅެވުނަސް މަރުވުމާއެކު އެހުރިހާ އެއްޗެއް ދޫކޮށް ތިބާ ހެއްދެވި ފަރާތުގެ ހަޟުރަތަށް ދާން ޖެހުނީއެވެ. އާޚިރަތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން ހުރީ ތަގުވާވެރިންނަށެވެ."
***
މަރުކަޒުގެ ފާރަވެރިން އެތަނަށް ވަދެގަތްއިރު ފެނުނީ ސުފިޔާން ތަޅުންމަތީގައި ރޯން އޮތްތަނެވެ. އެތައް ބަޔެއްގެ މައްޗަށް ގަދަވެ ބާރުގަދަ އެހާ މީހުންގެ ހިތްތައް އަތުލައިގަތް މީހަކު މިހާރު ފެންނަނީ ބަލިކަށި ނާޒުކްކޮށެވެ. ސުފިޔާން ކޮޅަށް ތެދުވެ އެމީހުންނަށް އަމުރުކުރީ އެތަނުގައިވާހާ ޔަތީމްކުދިންނެއް ޔަތީމްޚާނާއަށް ގެންދިޔުމަށެވެ. ބައްޕަގެ ސަބަބުން ހަލާކުކޮށްފައިވާ ސިކުނޑިތަކަށް ފަރުވާދޭން ޔަތީމްޚާނާތަކަށް އޭނަ ނަފްސާނީ އިލްމުވެރިން ފޮނުވާދޭނެއެވެ. އެކުދިންނަށް ނަފްސާނީގޮތުން ކޮށްފައިވާ އަސަރުތައް ދެނެގަނެ އެހީތެރިވެދިނުމަށެވެ.
މަރުކަޒު އެއްކޮށް ހުސްވުމުން ސުފިޔާން އެތަނުގައި ހުޅުޖެހިއެވެ. އޭނަގެ އާޓް ސްޓޫޑިއޯއާއެކުގައެވެ.
***
ސުފިޔާން އެމީހުން ތަހުލީލުކުރުމުގެ މަސައްކަތްކުރާ މަރުކަޒު އަންދާ އަޅިއަށް ހެދިތާ ތިން ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.
މާކެންގައި އަލްވާއާއި އޭނަގެ އާއިލާ ގެ އެކުވުން ފޮނި އަދި ހިތި ވަގުތަކަށްވިއެވެ. އެމީހުން ހިތްތައް ކުދިކުދިވުމާއެކު އަލްވާއަށްޓަކާ ހިމޭން ކަރުނަ އޮއްސީ އަލްވާގެ ފެނުމުގެ ނިއުމަތުން މަހުރޫމްވީ ކަމަށްޓަކައެވެ. އެކަމަކު އަލްވާގެ ފުރާނަ ސަލާމަތްވިކަމަށްޓަކާ އެމީހުން ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދުކުރިއެވެ.
އަލްވާ ވަގުތުން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ އެތަނުން ސަލާމަތްކުރެވުނު އެހެން ކުދިންނާއެކުގައެވެ. ނަވޫދުގެ ކޮއްކޮ ނަމްރާއާއި މެހެކް ގަވާއިދުން އަލްވާއަށް ޒިޔާރަތްކުރެއެވެ. އަދި މާކެންގެ އެހެން މީހުންވެސް އަލްވާދެކެން ދެއެވެ. ނަމްރާ އަލްވާ ގާތަށްދާ ކޮންމެ ފަހަރަކު ނަވޫދު ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްގެން ހުންނަ ވާހަކަ ބުނަން އަމިއްލަ ނަފުސަށް ކޮންމެހެންވެސް ހަނދާންކޮށްދެއެވެ. ނަވޫދު އެތެރެއަށް ވަންނަން ޖެހިލުންވަނީ އޭނައަކީ މަހުރަމަކަށް ނުވާތީއެވެ. އެކަމަކު އަލްވާގެ ހާލާއިމެދު ކަންބޮޑުވެއެވެ. އަލްވާއާއިމެދު ނަވޫދު އެބަހައްޓާ އޯގާތެރިކަން އަލްވާއަށް ފުރަތަމަ ފަހަރަށް ފާހަގަވިއެވެ. ކޮންމެ ކޮންމެ މީހަކު އޭނައަށްޓަކައި ކުރާނެކަމެއް ނޫނެވެ. ނަވޫދުގެ ކޮއްކޮ ނަމްރާގެ ގާތް އެކުވެރިއަކަށްވީމަ ހެއްޔެވެ؟
އަދިވެސް އަލްވާއަށް ނުވިސްނެނީ ނަވޫދު އޭނަ ހުރިތަން ދެނެގެން ސަލާމަތްކުރި ގޮތެވެ. ނަވޫދުއަށް ޝުކުރު އަދާކުރަން ބޭނުންވިޔަސް އެކަން ކުރާނެ ގޮތެއް އޭނަގެ ވިސްނުމަކަށް ނާދެއެވެ. އަދި ނަވޫދު އޭނައަށް ޒިޔާރަތް ނުކުރާތީ އެގޮތަށް ބުނާނެ ދަނޑިވަޅެއްވެސް ނުލިބުނެވެ. އެއްގޮތުން ބަލާއިރު ނަވޫދު ހޮސްޕިޓަލް ތެރެއަށް ނުވަންނަކަމާއިމެދު އަލްވާ ހިތާހިތުން އުފާކުރިއެވެ.
އޭނަގެ އެންމެ ހާލުބޮޑު އަދި އެންމެ ހުތުރު ދުވަސްކޮޅު ނަވޫދުއަށް ފެންނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ސޫރަ ހުރިގޮތެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. އެކަމަކު ހަމުގެ ހިކިކަމާއި މަރުކަޒުން ސަލާމަތްވާން ކުރި މަސައްކަތުގައި ލިބުނު އަނިޔާތަކުގެ ކުދި ލަކުނުތައް އޭޭނައަށް އަތް ލެވެއެވެ. ނަވޫދު ދެކޭނެ ގޮތަކާއިމެދު ކަންބޮޑުވާން ފެށީ ކޮން އިރަކު ކަމެއްވެސް އަލްވާއަކަށް ނޭގުނެވެ.
***
ނާކިއާއަށް ސުފިޔާންގެ އާއިލާ މީހުންގެ ވިޔަފާރި އެނގުމުން ބަސްހުސްވެ ހިތް ހަލާކުވާވަރުވިއެވެ. އެކަމަކު އޭގެ ސަބަބުން ހިތާމައިގެ ތެރެއަށް ގެނބެން އޭނަ ބޭނުމެއްނުވިއެވެ. ނާކިއާ ސުފިޔާންދެކެ ލޯބިވީވެސް މާތްﷲއަށްޓަކައެވެ. ސުފިޔާންގެ ފަރާތުންވެސް މާ ބޮޑު އެއްޗެއް ނާކިއާ ބޭނުމެއްނުވިއެވެ. ހިތްހަލާކުވިޔަސް މާޔޫސްކަމުގެ ހިޔަނި ހަޔާތަށް އެޅުނަކަ ނުދިނެވެ. އަދި އޭނަގެ ދުވާލުގެ ތާވަލަށް އެކަމުން އިތުރު އެއްވެސް ބަދަލެއްނައެވެ. ޔަގީންކަމަކީ އޭނަ އެކަމާއި ހިތާމަކުރިކަމެވެ. ނަމަވެސް އޭނަ ގަބޫލުކުރީ ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަގަޅަށް ކަމުގައެވެ. އަދި އާލަމްތަކުގެ ވެރި އިލާހަށް އޭނަގެ ހުރިހާ އިތުބާރެއް އޮންނާނެކަމެވެ.
އޭނަގެ ދަރިފުޅާއެކު ހަޔާތުގެ ދަތުރުގައި ކުރިއަށް ދާނީއެވެ. ތަދުގެ ސަބަބުން އޭނަ ދިރިއުޅެމުންދާގޮތަށް އެއްވެސް އަސަރެއް ކުރުވިޔަކަ ނުދޭނެއެވެ. ހިދާޔަތާއި ހިތަށް ތަސައްލީ ހޯދަން އޭނަ ﷲގެ ހަޟުރަތަށް ކުރިމަތިލައިގެން ހުރުމުގައި ދެމިހުންނާނެއެވެ.
"ﷲއަކީ އަލްޖައްބާރުއެވެ. ހަލާކުވެފައިވާ ހިތްތައް އަލުން ބައްދަވާނެތެވެ.
އަލްގަސަސް ސޫރަތުގެ ހަތްވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ."އަދި ތި މަންރަސްކަލާނގެ މޫސާގެ ފާނުގެ މަންމައަށް އިލްހާމް ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ. ފަހެ ކަމަނާ އެކަލޭގެފާނު (ފޮށްޓަކަށް ލައްވާފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ. އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ. އަދި ހިތާމަވެސް ނުކުރައްވާށެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދު ކުރައްވާ ހުށީމެވެ. އަދި އެކަލޭގެފާނު ރަސޫލުންގެ ތެރޭގައި ލައްވާ ހުށީމެވެ."
އަދި އަލްގަސަސް ސޫރަތުގެ ތޭރަވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވެއެވެ."ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ހާސިލުވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަނުކުރެއްވުމަށްޓަކައެވެ. އަދި ހަމަ ކަށަވަރުން ﷲގެ ވައުދުފުޅަކީ ހައްގު ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އެހެނެއްކަމަކު އެއުރެން ކުރެ ގިނަމީހުންނަކަށް އެކަމެއް ނޭގެއެވެ."
މޫސާ އަލައިހިއްސަލާމްގެ މަންމާފުޅު މަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު އުދަގޫފުޅު އިހުސާސްކުރެއްވިއެވެ. ﷲ ސުބުހާނަހޫ ވަތައާލާއަށް ވަކީލުކުރައްވާ ދަރިކަލުން ކޯރަށް އެއްލަވާލެއްވުމަށްފަހު ދުރަށް ދާތަން ބަލަން ހުންނެވިއެވެ. ފަހުން އެކަމަނާއަށް ދަރިކަލުން ރައްދުކުރެއްވުނެވެ. އަދި އެކަމަނާގެ ހިތްޕުޅަށް ތަސައްލީ ލިބިވަޑައިގަތެވެ. އީމާންތެރިކަމަށް ގުޑުމެއްނާރާ އަދި ﷲގެ ވައުދުފުޅުގެ ތެދުކަން އެކަމަނާއަށް އެނގިވަޑައިގަތެވެ.
މި ވާހަކައިންވެސް އެނގެނީ ﷲ ސުބުހާނަހޫ ވަތައާލާގެ ލޯބިފުޅާއި ރަހުމަތް އަޅުތަކުންނަށް ޚާއްސަވެފައިވާވަރެވެ. އެފަރާތަކީ މުއުމިނުންނަށް އެންމެ ރަހުމާންވަންތަ އެންމެ ލޯބިފުޅުވާ ފަރާތެވެ. ﷲއަށް ވަކީލުކޮށް ހެޔޮމަގުން ކައްސާނުލާ މީހުންނަށް އެފަރާތުން އެހީތެރިވެ ވޮޑިގަންނަވާނެއެވެ.
ސުފިޔާންއާއި ބެހޭގޮތުން އިވުނު ނުބައި ޚަބަރުންވެސް ނާކިއާގެ އީމާންކަމަށް ގުޑުމެއް ނޭރިއެވެ. އޭނަ ދުނިޔެއަށް އައީ ފިރިހެނަކާއިހެދި ހިތްހަލާކުވެ އުމުރު ދުވަހަށް ހިތާމަކޮށް ވޭނުގައި އުޅެ ނިމިގެންދާކަށް ނޫނެވެ. ދުނިޔޭގެ އުފަލާއި އަރާމަކީ ވަގުތީ ކަމެކެވެ. އަދި އާޚިރަތާއި ބަލާއިރު ކިތަންމެހާވެސް ސާދާއެވެ.
ނާކިއާ ސުފިޔާންއަށް ހިދާޔަތް ދެއްވުމަށް އެދި ދުޢާކުރިއެވެ. ކޮންމެ ގޮތެއްވިޔަސް ދަރިފުޅުގެ ބައްޕައަށް ވީތީއެވެ.
***
އެއީ ޚަރީފު މޫސުމްގެ ފިނި ފަތިހެކެވެ. ނާކިއާ ފަތިސް ނަމާދަށްފަހު މުސައްލަ މަތީގައި ޒިކުރު ކިޔަވާ ދުޢާކުރަން އިނެވެ. ކުޑަދޮރުގައި ދަމާފައިވާ ފަރުދާތައް ފޫ އަޅުވާލާފައި އިރުގެ އަލިކަން ކޮޓަރިތެރެއަށް ފޭދިގަތެވެ. މުސައްލާ ފައްޖަހާފައި އޭނަ ތެދުވެ ހިނިތުންވެލީ ސަޔާރާގެ ތުއްތު ބަހުރުވަ ކަންފަތުގައި ޖެހުމުންނެވެ. ދަރިފުޅު ހޭލީއެވެ. އެވަގުތު ދޮރުގައި ޓަކިދޭން ފެށުމުން އަވަހަށްގޮސް ކުޑަ ލޯވަޅުން ބޭރަށް ބަލާލައިފިއެވެ. ބޭ އިޚުތިޔާރުގައި ފަހަތަށް ޖެހިލެވުމާއެކު މޭމަތީގައި އަތް އަޅައިލެވުނީ ހިތް ރޭސްޖަހައިގަތުމުން މައިތިރިކުރުމަށެވެ. އެނދުގައި އަތާއިފައި ތަޅުވަން އޮތް ކުޑަ ދަރިފުޅަށްވެސް ބަލައިލެވުނެވެ. އޭނަގެ ސިކުނޑިވެސް ހަލަބޮލިވެގަތީ ހަނދާނެގޮތެއް ނޭގިފައެވެ.
ސުފިޔާން ބޭރުގައި މަޑުކޮށްލައިގެން ހުރިއިރު ފުލުހުންގެ ދެމީހަކު ދެފަރާތުގައި ތިއްބެވެ. އޭނަ އައީ ކީއްކުރަންހެއްޔެވެ؟
ނާކިއާ އަވަސްވެލާފައި ނިގާބު ލައިގެން މުޅިން ކަޅު އެއްޗެހީގައި ފޮރުވުނެވެ. ހަށިގަނޑުުން އެންމެ ތަންކޮޅެއް ފެނުމުގެ ހައްގެއްވެސް ސުފިޔާންއަކަށް ނެތެވެ. ނާކިއާ ދޮރު ކުޑަކުޑަކޮށް ހުޅުވައިލިއެވެ.
"ކީއްކުރަން ތިއައީ؟"
"ދަރިފުޅު ދެކެލަން މިއައީ. އެންމެ ފަހަރަކު.. ޕްލީޒް.." ސުފިޔާން ވާހަކަދެއްކިއިރު އަޑު ކެނޑޭގޮތްވިއެވެ.
"މެޑަމް. މިސްޓަރ ސުފިޔާން އަމިއްލައަށް ހަވާލުވީ އެހެންވެ ހައްޔަރުކުރަންވެގެން މިއުޅެނީ. އަމިއްލަ ދަރިފުޅު ދެކެން ބޭނުންވާކަމަށް ބުނުމުން ގެނައީ. އެކަމަކު ތިފަރާތުން ބޭނުން ނުވަންޏާ އަޅުގަނޑުމެން ހިގައިދާނަން..." ފުލުހުންގެ އޮފިސަރަކު ބުނެލިއެވެ.
"ބޭރުގައި މަޑުކޮށްލަދީފާނަންތަ؟" ނާކިއާ ޖަވާބު ދީފައި ދޮރު ލައްޕާލައިފިއެވެ. ނާކިއާ ސަޔާރާ އަތުގެ ތެރެއަށް ލިއެވެ. އަދި އެންމެ ލޯބި ސްވެޓަރާއި ހަރުވާޅުކޮޅަކާއެކު ރަޖާއެއްގެ ތެރޭގައި ފޮރުވީ ފިނިން ސަލާމަތްކުރުމަށެވެ.
"ދަރިފުޅުގެ ޑޭޑް ފެންނަން ތިއުޅެނީ ސަޔާރާ..." ނާކިއާ ދަރިފުޅުގެ އިސްޓާކީން ލައްވަމުން ނިކަން މަޑުމަޑުން ބުނެލިއެވެ. ދަރިފުޅު ތައްޔާރުކޮށް ނިމުމުން އުރާލައިގެން ހޮޓަލުގައި އޭނަ ދިރިއުޅޭ ކޮޓަރިން ނިކުމެގެން ބޭރަށް އައެވެ. ސުފިޔާން އިންތިޒާރުގައި ބޭރުގައި ހުއްޓެވެ. ހަމައެކަނި ހުދު ޓީޝާޓަކާއި ފަޓުލޫނެއްލައިގެން ހުރިއިރު ސުފިޔާންވެސް ހުރީ ހީކަރުވާފައިކަން އެނގުނެވެ. ކުރެވުނު ޝައިތާނީ އަމަލުތަކުގެ ސަބަބުން އަމިއްލަ ނަފުސަށް އަނިޔާދެނީކަން ނޭގެއެވެ. ފުލުހުންގެ އޮފިސަރުންވެސް ދީލަތިކަމާއެވެ. ސުފިޔާން ދަރިފުޅާއި ބައްދަލުކުރަން ހުއްދަދިނީއެވެ. އެމީހުންނަށް ހަގީގަތުގައި ސުފިޔާންއަކީ ކާކުކަން އެނގެއެވެ. އެހެން ކުށްވެރިންނާއި ދޭތެރޭ އަމަލުކުރާގޮތަށް ހަދަން ނުކެރުނީއެވެ. އޭރު ހާމިދުއާއި އަމީރާއަށްވެސް އެތަނަށް ނުކުމެވިއްޖެއެވެ. ހާމިދުގެ އަތްމުށްކެވި ސުފިޔާންއާއި ދިމާލަށް ފިޔަވަޅެއް އެޅުމުން އަމީރާ އަވަހަށް ހާމިދުގެ އަތުގައި ހިފަހައްޓައިލަމުން ބޯ ހޫރައިލިއެވެ. ސުފިޔާންއަށް ހަމަލާދިނުމުގެ މާނައެއް ނެތެވެ. އެހެން ހުރިހާކަމަކަށްވުރެ ސުފިޔާންއަށް މިހާރު ތަދުވާނެ ވަރު މާ ބޮޑެވެ.
ނާކިއާގެ އަތުތެރޭގައި އޮތް ދަރިފުޅަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ސުފިޔާންގެ ލޮލުން ކަރުނަ ހިލުނެވެ.
ބައްޕަ ދުށުމުގެ ހައްގުން ދަރިފުޅު މަހުރޫމް ކުރަން ނާކިއާ ބޭނުމެއްނޫނެވެ. ތިމާގެ ކަމުގެ ގުޅުން ކެނޑުމަކީ ދީނުގައި މަނާކުރައްވާފައިވާކަމެކެވެ. ނާކިއާއަކަށް ސަޔާރާ އޭނަގެ ބައްޕައާއި އޮތް ގުޅުން ހަލާކުކޮށެއް ނުލެވޭނެއެވެ. ނާކިއާ ދަރިފުޅު ރަގަޅުގޮތުގައި ތަރުބިއްޔަތުކޮށް ބައްޕަގެ ނުބައި އަމަލުތަކުން އަސަރުނުކުރުމަށް އެދި ދުޢާކުރާނެއެވެ.
"އަހަރެން ދަރިފުޅަށް ދިން ނަމަކީ ސަޔާރާ...." ނާކިއާ ސުފިޔާންއާއި ދިމާލަށް ބަލައިނުލައެވެ." އުރައިލަން ބޭނުންތަ؟"
ނާކިއާވެސް ލޮލުގައި ގިނަވެގަތް ކަރުނަތައް ދިރުވައިލިއެވެ. އެދެމީހުން ކައިވެނި ކުރިއިރު ދެކުނުހާ ހުވަފެންތައް ހަނދާނަށް އައެވެ. އެންމެ ލޯބި ކުޑަ އާއިލާއާއެކު "ރޯޑްޓްރިޕް"ތަކަށް ދާންވެސް އެމީހުން ހުވަފެނެއް ދެކުނެވެ.
އޭނައަށް އެ ހައްގު ނެތްކަމަށް ސުފިޔާން ގަބޫލުނުކުރިޔަސް އަތް ދިއްކޮށްލެވުނުގޮތަށް އަނެއް ސިކުންތުކޮޅުގައި އޭނަގެ އަތްމަތީގައި އޮތީ އަމިއްލަ ދަރިފުޅެވެ. އެ މައުސޫމް ލޮލަށް ބަލަން ހުރިއިރު ސުފިޔާންގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ."އައިމް ސޮރީ....." ދަރިފުޅު އަނބުރާ ނާކިއާ އަތަށް ދިނުމުގެ ކުރިން ސުފިޔާންއަށް ބުނެވުނެވެ.
"ސަރ. އަޅުގަނޑުމެން ދާންވެއްޖެ.." ފުލުސް އޮފިސަރަކު އެންގިއެވެ.
"އަހަރެން ފައިސާ ފޮނުވިން. އެއީ ހަލާލު ވިޔަފާރިން ހޯދި ފައިސާ. އެހެންވީމަ ކަންބޮޑުނުވޭ. އެހެންގޮތްގޮތުން ހޯދި ފައިސާއެއް ވެއްޖެއްޔާ ޔަތީމްޚާނާއަށް ދިނީ..." ސުފިޔާން ނާކިއާއަށް ބަލައިލީ އެހަށިގަނޑުން އެންމެ ތަންކޮޅެއް ފެންނަން ނެތްއިރުގައެވެ. ނާކިއާއާއި ބައްދަލުވާ އެންމެ ފަހު ފަހަރުގައި އެގޮތަށް މުޅި ހަށިގަނޑު ފޮރުވައިގެން ހުންނަން ނާކިއާ ނިންމުމުން ސުފިޔާންގެ ހިތުގައި އިތުރަށް ރިއްސައިލިއެވެ.
"ފައިސާ ނަގައްޗޭ. އަދި ރަގަޅަށް ދިރިއުޅެއްޗޭ....ގުޑްބައި.." ސުފިޔާން އަނެއްފަރާތަށް އެނބުރުނެވެ. ނާކިއާ އިސްއުފުލާ ބަލައިލީ ސުފިޔާން ދާން ހިނގައިގަތުމުންނެވެ. އެއާއެކު އޭނަގެ ލޮލުގައި ހުރި ކަރުނަވެސް ހިފެހެއްޓުމެއްނެތި ކޯތާފަތުން ތިރިއަށް ދެމިގަތެވެ.
"ﷲ ތިބާއަށް ހިދާޔަތް ދެއްވާ ފާފަ ފުއްސަވާދޭވެ. އަދި ހިތަށް ތަސައްލީ ދެއްވާދޭވެ..."ނާކިއާ ހިމޭންކަމާއެކު ދުޢާކުރިއެވެ. "ގުޑްބައި.."
***
މެހެކް އަލްވާގެ ބޮލުގައި ބުރުގާ އަޅުވާދީ ބޯ ކެހެރިން ފަހާފައިވާ ޝޯލްއެއް ކަނދުރާގައި އޮޅާލަދިނެވެ. އެކުދިން ދިޔައީ ބަދަރުމައްޗަށެވެ. އަލްވާއަށް ނުފެނުނު ކަމުގައިވިޔަސް ވައިރޯޅިތައް ގެނެސްދޭ ކަނޑުގެ ވަހާއި ބޯޓުދަތުުރުކުރާއިރު އިވޭ އަޑުތަކަށް އޭނަ ލޯބިކުރެއެވެ. އަތާއި އަތް ގުޅުވާލައިގެން ތިބެ އެކުދިން ބަދަރާއި ދިމާލަށް ހިނގައިގަތެވެ.
"އަލްވާ. އުފަލުންތަ ތިހުންނަނީ؟" ކުޑަކޮށް ޖެހިލުންވުމުގެ އަސަރު މެހެކްގެ އަޑުގައިވިއެވެ.
އަލްވާ ހިނިތުންވެލިއެވެ." ހިތާމަވެރިއޭ ނުބުނެވޭނެ. ލޯފަންވުމަކީވެސް އެއްގޮތުން ބަލާއިރު ނިއުމަތެއް. ލޮލުގެ ސަބަބުން މަގުފަހިވާ ހުރިހާ ފާފަތަކުން ރައްކާތެރިވެވުނީ. ބައެއްފަހަރު ދެރަވެސްވޭ. އެކަމަކު ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާފައި ހުރި ނިއުމަތްތަކާއިމެދު ވިސްނަން. އަދި އަހަރެމެންނަށް އެންމެ ރަގަޅީ ކޮންގޮތެއްކަން އެފަރާތުން ދެނެވޮޑިގެންވާނެ. ﷲއަކީ މަގޭ ޕްރޮޓެކްޓަރކަން އެނގޭތީ ގިނައިރުވަންދެން ހިތާމަކުރަން ތަނެއްނުދޭ. އަހަރެން ސަލާމަތްވި. ﷲއަށް ހަމްދުކުރަން. އަދި އެއް ފުރުސަތު ދެއްވީ. ހުރިހާ ފާފަތަކުން އަރައިގަންނަން އަދި އިތުރަށް ހެޔޮ އަމަލުކުރަން."
"އެކަމަކު އެކަނިވެރިކަން އިހުސާސްވޭތަ؟ މިސާލަކަށް އަލްވާއާއި..... މިބުނީ މީހަކު މެރީކުރަން ބޭނުންވެއްޖެއްޔާ؟ އަލްވާގެ ޖަވާބަކަށް ވާނީ ކޯންޗެއް؟" މެހެކް އިތުރު ތަފްސީލާއެކު ސުވާލުކުރިއެވެ.
"ކައިވެންޏަކީ ދީނުގެ އެއްބައި. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތެއް. އަހަރެން ލޯފަންކަން އެނގިހުރެ ބައްޕަމެން އަހަންނަށްޓަކާ މީހަކު ހޯދައިފިއްޔާ އެމީހާއެކު ރަގަޅަށް އުޅެވެންޏާ އެއްބަސްވާނަން...."
މެހެކް ތުންފަތުގައި ދަތް އަޅައިލިއެވެ. އޭނަ ހުރީ ނަވޫދުގެ ނަން ނުގަނެ ހުރުމަށެވެ. ނަމްރާގެ ފަރާތުން އަހާފައިވާގޮތުން ނަވޫދު އަލްވާއަށް އަޅާލައެވެ. އަލްވާ ހަދިޔާކުރި ބިސްކޯދު އެޅި ފޮށިވެސް އޭނަ ފޮރުވާފައި ބޭއްވިއެވެ. އެއްޗެހި ރައްކާކުރަން ބޭނުންކުރެވިދާނެ ފޮށްޓެއްކަމުގައި ބުނެ ނަވޫދު ބަހަނާ ދެއްކިޔަސް، އޭނާގެ އެއްމާބަނޑު ކޮއްކޮއަކަށް އެއްވެސް އެއްޗެއް ސިއްރެއްނުކުރެވޭނެއެވެ.
"ހޭއި. ކޮންއިރަކުން ބޮޑުވީ؟ ވާހަކަދައްކާއިރު ނާކިއާއެކޭ އެއްވެސް ތަފާތެއްނެތް....."މެހެކް ދިމާކުރިއެވެ. މެހެކްވެސް މިހާރު ހަރުކުއްޖަކަށްވެ ހިޖާބުވެސް އަޅަން ފަށައިފިއެވެ. އަމިއްލައަށް ބޮޑުވަމުން އައިގޮތަށް ސަމާލުކަން ދެވުނުއިރު އޭނަ ރީތި ހިތްކިޔާ ފިރިހެންކުދިންނަށް އަދި މުއްސަދިކަމަށް ދެވުނު ޝައުގު ގެއްލުނެވެ. މިހާރު އޭނަގެ އުއްމީދަކީވެސް އަޅުވެރި ތަގުވާވެރިޒުވާނަކު ހަޔާތުގެ ބައިވެރިއަކަށް ވުމެވެ. މެހެކްއަށް ސްވިޒަލޭންޑްގެ މެޑިކަލް ކޮލެޖަކުން ސްކޯލާޝިޕް ލިބިގެން އޭނަ އުޅެނީ ތައުލީމް ހާސިލުކުރަން ފުރުމަށެވެ.
" ނާކިއާފަދަ އެކުވެރިއެއް ލިބުމަކީ ﷲގެ ރަހުމަތެއް. އޭނަ އަހަރެމެން ﷲގެ ހަޟުރަތަށް މިކުރާ ދަތުރުގައި އެހީތެރިވެދިނީ..."އަލްވާ ނާކިއާގެ އެ އަމަލަށް ތައުރީފުކޮށް އެކަން ބަލައިގަތެވެ." ނާކިއާވެސް ސަޔާރާ ގޮވައިގެން ވަރަށް އަވަހަށް ޔަމަނަށް ފުރާނެ. އަހަރެންވެސް މިވިސްނަނީ އޭނައާއެކު ދާން.."
"ކީކޭ؟" މެހެކް ލޯ ބޮޑުކޮށްލިއެވެ."ދެން ނަވޫދުއަށް ވާނީ ކިހިނެއްތަ؟"
އެންމެފަހުން މެހެކްއަށް ނުހުރެވިގެން އަހާލައިފިއެވެ.
"ނަވޫދު؟ އޭނަ ކިހިނެއްވީ؟" އަލްވާ އޮޅުން އެރިއެވެ. ބާރު ވައިރޯޅިތަކުގެ ގޯނާތަކުން ބުރުގާ ސަލާމަތްކުރަން އަލްވާ ބުރުގާގައި ދެއަތުން ހިފެހެއްޓިއެވެ. އަދި ކަނޑުގެ ވައިން ފުން ނޭވާއެއް ނެގިއެވެ. އޭނަ މިހާވަރަށް ބަދަރާއިހެދި އުޅެނީ އޭނަގެ ބައްޕައަކީ ދިވެއްސަކަށްވީތީހެއްޔެވެ؟ އޭނަ މިހާ ކަނޑުދެކެ ލޯބިވާ ސަބަބަކީ އެއީހެއްޔެވެ؟ އަލްވާ އަޑުއަހާފައިވާ ގޮތުން ރާއްޖެއަކީ ރީތި މޫދާއި ހުދު ދޮންވެލިގަނޑެއް ލިބިފައިވާ ޖަޒީރާ ގައުމެކެވެ.
މެހެކް އަލްވާގެ ދެއަތުގައި ހިފަހައްޓައިލިއެވެ."އަލްވާ. އަހަރެން ނޫންކަން ނޭގޭ މިވާހަކަ ބުނަން ޖެހެނީ. އެކަމަކު ނަވޫދު އަލްވާއަށް ވަރަށް އަޅާލާ. ވަރަށް ބޮޑަށް. އެހެން ތަނަކަށް އަބަދަށްޓަކާ ބަދަލުވުމުގެ ކުރިން އޭނައާއިމެދު ވިސްނައިލަން ޖެހޭ."
އަލްވާގެ މޫނު ރަތްވިއެވެ. "އަސްލުގައިވެސް އޭނަ އެހެންތަ؟"
އަލްވާއަށް އޭނަގެ އަމިއްލަ ޖަޒުބާތާއިމެދު ޔަގީންކަންއޮތެވެ. އެކަން އޭނައަށް ޔަގީންވީ އޭނަ އެ މަރުކަޒުގައި ހިފަހައްޓައިގެން އުޅުނުއިރުގައެވެ. އެންމެ ފަހަށް ނަވޫދުއާއި ބައްދަލުކުރި ވަގުތުކޮޅު މެދުކެނޑުމެއްނެތި ސިކުނޑިއަށް އަރާ ފައިބައެވެ. އަދި ނަމްރާއަށް ގެއްލުމެއް ލިބުނަ ނުދޭންވެގެން ،ކަށިތައް ހުރި ގަސްތަކާއި ތޮނަތައް ބަގީޗާތެރެއިން ނަވޫދު ނެގިގޮތްވެސް މެއެވެ. އޭނައަށް ފުރަތަމަ ސުފިޔާން ފެނުމުން އިހުސާސްވިގޮތާއި ނަވޫދުއަށްޓަކާ ދެން ކުރެވުނު އިހުސާސްގައި ހުރި ފަރަގުވެސް ދެނެގަނެވުނެވެ. އޭނަ ސުފިޔާންއަށްޓަކާ ކުރި އިހުސާސަކީ ކުޑަކުއްޖަކު އެފަދަ މޮޅު މީހެއް ފެނުމުން ކުރާނެ ޚިޔާލެވެ. އެއީ ލޯތްބެއް ނޫނެވެ. އެކަމަކު ނަވޫދު ތަފާތެވެ. އޭނަ ނަވޫދު ދެކެ ލޯބިވީ ހެއްދެވި ފަރާތަށްޓަކައެވެ. ދީނުގައި ފިޔަވަޅު ސާބިތުކޮށް މަގުދައްކަން އަލްވާއަށް އިތުބާރުކުރެވޭ މީހެކެވެ. ނަވޫދުއަކީ ރަގަޅު އިންސާނެކެވެ. ބުރަ މަސައްކަތްކުރާ އަޅާލާ ބޭބެއެކެވެ.
"އަހަންނަށް ޔަގީން އަލްވާ. އަދި ނަމްރާއަށްވެސް. އޭނަ ފުދޭވަރަކަށް ރިޒާވްޑް ދޯ. އެހެންވީމަ އަލްވާގެ ބައްޕަ ލައްވާ ވާހަކަ ދައްކުވަންވީނު؟" މެހެކް ފޯރި ހިފިއެވެ.
އަލްވާ އޭނަގެ މޫނު އުޑާއި ދިމާލަށް އުފުލާލައިގެން ހުރިއިރު ވައިރޯޅިތައް އޭނަގެ މޫނުގައި ބީހެމުން ދިޔައީ ނިކަން ލޯބިންނެވެ." ޔަގީންތަ މެހެކް؟ އޭނަ އަހަންނާއި ރުހޭތަ؟"
"އާނ. އޭނަ އެހާ އަވަހަށް އެ މަރުކަޒަށް ގޮސް އަލްވާ ސަލާމަތްކުރީ ކީއްވެހެން ހީވަނީ؟ އަލްވާ މަރުވީކަމުގެ ދޮގު ޚަބަރު ފެތުރުމުންވެސް އޭނަ ބޭނުންވީ އަލްވާއަށް އިންސާފު ހޯދަދޭން. އޭނަ އެކަން ހުއްޓާނުލާ ގަދަޔަށް މަސައްކަތްކުރީ.."
އަލްވާގެ ތުންފަތް މަތިން ހިނިތުންވުމެއް ފެނުނެވެ. އަދި ލޮލުން އުފާވެރިކަމުގެ ކަރުނަ ތިއްކެއް ވެއްޓުމުން މެހެކްވެސް ހައިރާންވިއެވެ.
"އަލްވާގެ ހިތުގައިއޮތްހާ އިހުސާސްތައް މިހުރިހާ ދުވަހު ހުރީ ފޮރުވައިގެންނޭ ނުބުނާތި."މެހެކް ހަޅޭއްލަވައިގެންފާ އަލްވާގެ ގައިގާ ބައްދައިލިއެވެ. "އަވަހަށް ހިނގާ އަލްވާގެ ބައްޕައާއި ވާހަކަދައްކާލަން........."
ނުނިމޭ