ލަންޑަން (7 ސެޕްޓެމްބަރު 2022) : އިނގިރޭސިވިލާތުގެ ކެބިނެޓްގައި ހިމެނޭ އެންމެ މުހިންމު ތިން ވަޒީރުންގެ ގޮތުގައި ދޮން ނަސްލުގެ ނޫން މީހުން ފުރަތަމަ ފަހަރަށް ހަމަޖައްސައިފިއެވެ.

އިނގިރޭސި އާ ބޮޑުވަޒީރު ލިޒް ޓްރަސްގެ ކެބިނެޓްގައި ހިމެނޭ އެންމެ މުހިންމު މަގާމަށް ހަމަޖައްސާފައިވަނީ ދޮން ނަސްލަށް ނިސްބަތް ނުވާ މީހުންނެވެ. މިގޮތުން ޚާރިޖީ ވަޒީރަކަށް އައްޔަން ކޮށްފައިވަނީ ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ސީރިލިޔޯންގެ ދަރިކޮޅުގެ ބޭފުޅެއް ކަމަށް ވާ ޖޭމްސް ކްލެވާލީއެވެ. ކްލެވާލީގެ މަންމައަކީ ސީރިލިޔޯންގެ ބޭކަނބަލެކެވެ. ބައްޕައަކީ އިނގިރޭސި ދޮން ނަސްލުގެ ބޭފުޅެކެވެ.

މާލީ ވަޒީރު ނުވަތަ ކައުންސިލާ އޮފް އެކްސްޗެކާގެ މަގާމަށް ހަމަޖައްސާފައި ވަނީ ގާނާ ދަރިކޮޅުގެ ބޭފުޅެއްކަމަށްވާ ކުވާސީ ކުވާޓެންގްއެވެ. ދާޚިލީ ވަޒީރަކަށް ހަމަޖައްސާފައިވަނީ މޮރިޝަސްގެ ދަރިކޮޅުގެ ބޭފުޅެއް ކަމަށްވާ ސްވޭލާ ބްރަވާމަންއެވެ.

މި ތިން ބޭފުޅުން ހިމެނިވަޑައިގަންނަވަނީ ބޮޑުވަޒީރުކަން ހޯއްދެވުމަށް ކޮންޒަވެޓިވް ޕާޓީގެ ތެރޭގައި ލިޒް ޓްރަސް ކުރެއްވި ކޭންޕޭންގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވި ޓީމުގައެވެ.

މީގެކުރިން އިނގިރޭސިވިލާތުގައި އެކުލަވާލި ސަރުކާރުތަކުގައި ވެސް ވަޒީރުންގެ ގޮތުގައި ދޮން ނަސްލަށް ނިސްބަތް ނުވާ އެކި ދަރިކޮޅުގެ ބޭފުޅުން ހިމެނިވަޑައިގެންފައިވެއެވެ. ނަމަވެސް ލިޒް ޓްރަސްގެ ކެބިނެޓަކީ ޚާރިޖީ ވަޒީރާއި ދާޚިލީ ވަޒީރާ އަދި މާލީ ވަޒީރު ކަމަށް ދޮން ނަސްލުމުގެ ނޫން ބޭފުޅުން ހިމެނުނު ފުރަތަމަ ކެބިނެޓެވެ.

މިއީ އިނގިރޭސިވިލާތުގައި އޮންނަ ނަސްލީ އިމްތިޔާޒުގެ ފިކުރުކަމަށްވާ ވައިޓް ސްޕްރެމަސީގެ ފިކުރުގެ މީހުން ކަންބޮޑުވާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިނގިރޭސިވިލާތަކީ ދޮން ނަސްލަށް ނިސްބަތް ނުވާ މީހުންގެ އާބާދީވެސް ބޮޑު ގައުމެކެވެ.

އެއީ ހިޖުރަ ކުރުމަށް އެގައުމުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ބޭރު ގައުމުތަކުގެ މީހުންނަށް ވެސް ވަކި މުއްދަތަކަށްފަހު އިނގިރޭސި ރަށްވެހިކަން ލިބޭތީއެވެ. އިނގިރޭސި ކެބިނެޓްގައި ދޮން ނަސްލަށް ނިސްބަތް ނުވާ ބޭފުޅަކު ފުރަތަމަ ފަހަރަށް ހިމަނާފައިވަނީ 2002 ވަނަ އަހަރުގައެވެ. އެ ފަހަރު ވައިޓް ސްޕްރެމަސީގެ ފިކުރުގެ މީހުން ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ.