31 Mar 2012, 17:19
ވޮޝިންގޓަން (މާޗް 31) : އިސްލާމް ދީނުން ބޭރުވެފައިވާ ލާދީނީ މުރްތައްދު ޖަމާޢަތެއް ކަމަށްވާ ބަހާއީންނާމެދު އީރާނުން ނުބައިކޮށް މުއާމަލާތްކުރާ ކަމަށްބުނެ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލާ ޤަރާރެއް އެމެރިކާގެ ސެނެޓުން ފާސްކޮށްފި އެވެ.
އީރާނުން ބަހާއީންނާމެދު ތަފާތުކުރުން ގެންގުޅެ އެމީހުންނަށް ގޯނާކުރާ ކަމަށްބުނެ އެމެރިކާގެ ސެނެޓުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ޤަރާރު އީރާނަށް ގޮވާލަނީ ބަހާއީންގެ ޢަޤީދާއާ އެއްގޮތަށް އީރާނުގެ މުޖްތަމަޢުގައި މިނިވަންކަމާއެކު އުޅުމުގެ ފުރްސަތު އެޖަމާއަތުގެ މީހުންނަށް ދިނުމަށެވެ. އަދި އިސްރާއީލަށް ޖާސޫސުކުރުމުގެ ކުށްސާބިތުވެގެން 20 އަހަރަށް ޖަލަށްލަފައިވާ ބަހާއިންގެ 7 މީހުން ވަގުތުން މިނިވަން ކުރުމަށެވެ.
ބަހާއީންނާ ދެކޮޅަށް ފިޔަވަޅުއަޅާތީ އީރާނުގެ ސަރުކާރުގެ އިތުރުން އެމީހުންނާ ދެކޮޅަށް ޙުކުމްކުރާ އީރާނުގެ ކޯޓްތަކުގެ ފަޑިޔާރުންނަށާއި އީރާނުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅުއެޅުމަށްވެސް ސެނެޓުގެ ޤަރާރު އެމެރިކާ ސަރުކާރަށް ގޮވާލައެވެ. މީގެތެރޭގައި އިރާނުގެ މިފަދަ މަސްއޫލުވެރިންގެ އެކައުންޓްތައް ބަންދުކޮށް އެބޭފުޅުން އެމެރިކާއަށް ވަނުން މަނާކުރުންވެސް ހިމެނެ އެވެ.
ބަހާއީންނަކީ މުސްލިމުން ކަމަށް ހެދިގެންއުޅޭ ނަމަވެސް އިސްލާމް ދީނުން ބޭރުވެ މުރްތައްދުވެފައިވާ ނުރައްކާތެރި ޢަޤީދާއެއްގެ ޖަމާއަތެކެވެ. ކުފުރުގެ މިޖަމާއަތް ވުޖޫދަށްއައީ ހިޖްރީގޮތުން 1200 ވަނަ އަހަރު އީރާނުގެ މަޒަންދަރާން ކިޔާ ސަރަޙައްދެއްގައެވެ. މިޖަމާއަތް އުފެއްދީ ހުޅަނގުގެ އިސްތިޢްމާރީ ބާރުތަކުގެ އެހީގައި ޙުސައިން ޢަލީ ނަމަކަށްކިޔާ މީހެކެވެ.
ޙުސައިން ޢަލީ (ބަހާ) ވަނީ ނަބީކަމަށް ދަޢްވާކޮށް އޭނާއަށްފަހު އިސްލާމީ ޝަރީއަތް މަންސޫޚް ވެފައިވާ ކަމަށް ބުނެފައެވެ. ބަހާގެ ލަޤަބު ނިސްބަތްވަނީ ނަބީކަމަށް ދަޢްވާކުރި ޙުސައިން ޢަލީ ނަމަކަށްކިޔާ މިމީހާއަށެވެ. މިޖަމާއަތުގެ ޢަޤީދާއާއި ފިކުރުތައް ބިނާވެފައިވަނީ މާތް ﷲ އަށް ޝަރީކުކުރުމާއި ކިރިތި ރަސޫލާ މުޙައްމަދުގެ ފާނަކީ އެންމެފަހުގެ ނަބިއްޔާކަން ޤަބޫލުނުކުރުމުގެ މައްޗަށެވެ.
މިޖަމާއަތުން ޤިބްލައެއް ކަމުގައި ބަލަނީ ފަލަސްތީނުގެ ރަށެއް ކަމުގައިވާ ޢަކާ އެވެ. އެއީ އެޖަމާއަތުގެ މުއައްސިސް ޙުސައިން ޢަލީ ބަހާ އެރަށުގައި ވަޅުލާފައިވާތީއެވެ. މިޖަމާއަތަށް ތަބަޢަވާމީހުން ނަމާދުކުރަނީ ދުވާލަކު 3 ފަހަރު އެވެ. އެމީހުންކުރަނީ މުޅިންވެސް ތިން ރަކްޢަތުގެ ނަމާދެވެ. ބަހާއީ ޖަމާއަތަށް ނިސްބަތްވާ މީހުންގެ ޢަދަދަކީ 7 މިލިޔަނެވެ. މިޖަމާއަތަށް ތަބާވާ މީހުން އެންމެގިނައީ އީރާންގައެވެ. ދެން ފަލަސްތީން، ޕާކިސްތާން އަދި އިންޑިޔާގައެވެ.
އީރާނުގެ ކުރީގެ ދީނީ ލީޑަރު އާޔަތުﷲ ޚުމައިނީ ވަނީ ބަހާއީންނަކީ މުސްލިމުންނަށާއި އިސްލާމް ދީނަށް ނުރައްކާތެރި މުރްތައްދު ޖަމާއަތެއް ކަމަށް ފަތްވާ ނެރުއްވާފައެވެ. އަދި މުސްލިމުންގެ ތެރޭގައި ފިތްނައުފައްދައި ބަހާއީންގެ ފާސިދު ޢަޤީދާ އީރާނުގައާއި އިސްލާމީ އެހެން ޤައުމުތަކުގައި ފެތުރުމަށް ބަހާއީން މަސައްކަތްކުރާ ކަމަށާއި މިފުރްސަތު އެމީހުންނަށް ނުދިނުމަށްވެސް ޚުމައިނީ ވަނީ ފަތްވާ ނެރުއްވާފަ އެވެ.
މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކުރީގެ ޝައިޚެއް ކަމަށްވާ ޖާދުލްހައްޤު ޢަލީ ޖާދުލްޙައްޤު ވެސްވަނީ ބަހާއީންނަކީ މުސްލިމުންނަށާއި އިސްލާމް ދީނަށް ނުރައްކާތެރި މުރްތައްދު ޖަމާއަތެއްކަމަށް ފަތްވާ ނެރުއްވާފައެވެ. މިޖަމާއަތް އިސްލާމީ ޤައުމުތަކުގައި މަނާކުރުމަށްވެސް އަލްއަޒްހަރުން ފަތްވާ ނެރެފައި ވެއެވެ.
ސަޢޫދީ އަރަބިޔާގެ ކުރީގެ މުފްތީއެއް ކަމަށްވާ އައްޝައިޚް ޢަބްދުލްޢަޒީޒް ޢަބްދުﷲ ބިން ބާޒްވެސްވަނީ މިމޭރުމުން ބަހާއީންނާ ދެކޮޅަށް ފަތްވާ ނެރުއްވާފައެވެ. ބަހާއީންގެ ނުރައްކާ ބޮޑުކަމުން އެޖަމާއަތަށް ނިސްބަތްވާމީހުން މުސްލިމުންގެ ޤަބްރުސްތާނުގައި ވަޅުނުލުމަށްވެސް ޢަބްދުލްޢަޒީޒް ޢަބްދުﷲ ބިން ބާޒްވަނީ ފަތްވާ ނެރުއްވާފަ އެވެ. (އަލްޖަޒީރާ)