07 Sep 2022, 14:54
ދިވެހިރާއްޖޭގެ އިގްތިސާދާއި ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާޔަތްކޮށް, މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ބިދޭސީންނަށް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދެވެ.
ސަރުކާރުން މިނިމަމް ވޭޖެއް ކަނޑައަޅާ، އަދަދުތައް ހާމަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިނިމަމް ވޭޖް ވަނީ ދޭން ފަށާފައެވެ.
މިނިމަމް ވޭޖު އިއުލާން ކުރިއިރު ކަނޑައަޅައިފައިވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ ކުދި ވިޔަފާރިތަކަށް މަހަކު 4,500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7,000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8,000 ރުފިޔާ އަދި ސިވިލް ސާވިސް (ޕަބްލިކް ސެކްޓާ)އަށް މަހަކު 7,000 ރުފިޔާއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އެ އިސްލާހުގައި ވާގޮތުން ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމުގެ ގަވައިދު ކަނޑައެޅުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
ނަމަވެސް މިއަދު ހުށަހެޅި އިސްލާހުގައިވާގޮތުން ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް ދޭނެ މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާފައި ނެތުމުން އޭގެ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ވެސް ލިބޭނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މީގެ ކުރިން ބުނެފައިވެއެވެ.
ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ މިހާރު ވެސް ބިދޭސީ މަސައްކަތްތެރިންނާ ދޭތެރޭ އޮންނަ ތަފާތު ކުރުންތައް އިތުރުވެ، އެ މީހުންގެ ހައްގުތައް ގެއްލި، އެ މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ފާހަގަކުރެއެވެ.
ހަމައެއާއެކު ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ވަނީ ލަފާކޮށްފައެވެ.
މިނިމަމް ވޭޖެއްގެ މަގުސަދަކީ މަސައްކަތްތެރިން މަސައްކަތް ކުރާ ގައުމެއްގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށާއި އެހެންކަމުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖު ނުދެވޭނެ ސަބަބެއް ކަމަށް، އެމީހުންގެ ރަށްވެހިކަން އޮންނަ ގައުމުގެ މިނިމަމް ވޭޖު ދޭ އަދަދުތައް ރާއްޖޭގެ މިނިމަމް ވޭޖު އަދަދުތަކަށް ވުރެ ކުޑަވުން ކަމަށް ބުނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ބުނެއެވެ.