ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުން ނޫންނަމަ އޮންނާނީ ގޭގައިކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި މިރޭ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން ޒަވީ ބުނީ އޭނާ ބާސެލޯނާއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

"އަހަރުމެން މި ވާދަކުރަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން. އެގޮތަށް މި އުންމީދު ވެސް ކުރަނީ،" ޒަވީ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާގެ ހާލަތު އޮތްގޮތުން ޗެމްޕިއަންސް ލީގު ފޭވަރިޓުންނަކަށް އެ ޓީމު ނުވާނެ ކަމަށެވެ. އެހެންނަމަވެސް ޓީމުގެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނަ ކަމަށް ޒަވީ ބުންޏެވެ.

"މިދިޔަ ސީޒަންގައި އަހަރެމެންނަށް ކުޅެން ޖެހުނީ ޔޫރޮޕާ ލީގު. އެހެންނަމަވެސް މި އަހަރު މި ކުޅެނީ ޗެމްޕިއަންސް ލީގު. އަހަރުމެން ކެތްކުރަން ޖެހޭ،" ޒަވީ ބުންޏެވެ.

އޭނާ ބުނީ ވިކްޓޯރިއާ ބަލިކޮށް މި ސީޒަންގެ ޗެމްޕިއަންސް ލީގު ފަށަން ބޭނުން ވަނީ އިތުބާރާއެކު ކަމަށެވެ. މި ސީޒަންގައި ކުރިން ސީޒަންތަކުގައި ދިމާވިކަންކަން ރަނގަޅުކޮށް އެ ކަންކަން ތަކުރާވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭނެކަމަށް ވެސް ޒަވީ ބުންޏެވެ.

މީގެއިތުރުން ބާސެލޯނާގެ ޖޫލްސް ކުންޑޭ މީޑިއާ ވާހަކަ ދައްކަމުން ބުނީ އެ ޓީމު ހިމެނިފައިވަނީ އުނދަގޫ ގުރޫޕެއްގައި ކަމަށެވެ. އެހެންނަމަވެސް ބާސާގައި އޮތް ޓީމަކީ ހުނަރުން ފުރިގެންވާ ޓީމެއްކަމަށާއި، އެ ޓީމުން ނިކުންނާނީ ކޮންމެ މެޗަކުން މޮޅުވާންކަމަށް އޭނާ ބުންޏެވެ.

ބާސެލޯނާ ހިމެނިފައިވަނީ ޗެމްޕިއަންސް ލީގުގައި އެ ޓީމު އެންމެ ލަދު ވެތި ގޮތަކަށް މީގެ ދެ އަހަރު ކުރިން ބަލިކުރި ބަޔާން މިއުނިކާ އެއް ގްރޫޕެއްގައެވެ. މިދިޔަ އަހަރު ވެސް ބާސާ ހިމެނުނީ ބާޔާންއާ އެއް ގްރޫޕެއްގައެވެ. އެ ގްރޫޕްގެ ތިން ވަނަ އާއެކު އެ އަހަރު އެ ޓީމަށް ޖެހުނީ ޔޫރޮޕާ ލީގު ކުޅޭށެވެ. ބާސާއައި ބަޔާންގެ އިތުރުން ގްރޫޕް ސީގައި ދެން ހިމެނެނީ ވިކްޓޯރިއާ ޕްލެޒެންއާއި އިޓަލީގެ އިންޓަ މިލާނެވެ.