ސްޓޭޓް ހައުސްގައި ހިތަދޫ ޕޮލިސް ސްޓޭޝަން ގާއިމުކޮށް ރަސްމީ މަސައްކަތްތައް ފަށައިފި އެވެ.

ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެމްޑީޕީން ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކުގައި ހިތަދޫގެ ޕޮލިސް ސްޓޭޝަންގައި ހުޅުޖަހާ ފުލުހުންގެ ގިނަ ވެހިކަލްތަކެއް ވަނީ އެއްކޮށް އަންދާލައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ސްޓޭޓްހައުސްގައި ފެށި އިރު، އައްޑޫސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ ފުލުހުންގެ މަސައްކަތް އެތަނުގައި ކުރުމަކީ އައްޑޫ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެއީ އައްޑުއަށް ޒިޔާރަތްކުރާ އެންމެ އިސްވެރިއަކު ހުރުމަށް ހަދާފައިވާ ގެއެއް ކަމަށެވެ. އަދި އެ ސިޓީގެ ބައެެއް ރައްޔިތުން ނުކުމެ އެކަމާ ދެކޮޅަށް ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އައްޑޫ ސިޓީގައި ފުލުހުންގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައި އޮތުމަށް ފަހު ފުލުހުންގެ 79 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި އައްޑޫ ސިޓީގެ ކޮމާންޑަރާ އަދި އަތޮޅު ކޮމާންޑަރު ބައިވެރިވެވަޑައި ގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ ދުޢާއެއް ކޮށްފަ އެވެ.