07 Sep 2022, 10:47
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފަސޭހަކަމާއެކު ސެލްޓިކް ބަލިކޮށްފިއެވެ.
ރޭ ސެލްޓިކް ދަނޑުގައި ރެއާލް މޮޅުވީ ދެވަނަ ހާފުގައި ރެއާލްއިން ޖެހި ތިން ގޯލުންނެވެ. ނަމަވެސް އެ މެޗުގައި ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާއަށް އަނިޔާވެ ވަނީ ދަނޑުން ބާލައިފައެވެ.
މެޗުގައި ރެއާލްއަށް ފުރަތަމަ ލީޑު ނަގައިދިނީ 56 ވަނަ މިނިޓްގައި ވިނީިޝިއުސް ޖޫނިއާއެވެ. އެ ގޯލަކީ ފެޑެރީކޯ ވަލްވާޑޭ ނަގައިދިން ހުރަހަކުން އޭނާ ޖަހައިފައިވާ ގޯލެކެވެ.
ރޭގެ މެޗުގެ ދެވަނަ ގޯލަކީ ލޫކާ މޮޑްރިޗްގެ ރީތި ގޯލެކެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެޑެން ހަޒާޑް ދިން ޕާހެއްގެ ބޭނުން ހިފައި، ސެލްޓިކްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު މޮޑްރިޗް އެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ 77 ވިނަ މިނެޓުގައި ރެއާލްއިން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލު ޖެހީ ބެންޒެމާއަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ކުޅެން ނިކުތް އެޑެން ހަޒާޑެވެ. ހަޒާޑް އެންމެ ފަހުން ރެއާލްއަށް ގޯލެއް ޖަހައިފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އެ މޮޅާއެކު ރެއާލް އޮތީ ގްރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި ޝަކްތަރު އޮތީ 4-1ގެ ނަތީޖާއަކުން ލެއިޕްޒިގް ބަލިކޮށްގެންނެވެ.