ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާލިން ބްރައުޓް ހާލަންޑް ރޭ މެންޗެސްޓާ ސިޓީއަށް ޖަހައިދިން ދެ ގޯލުން ސެވިއްޔާ ބަލިކޮށްފިއެވެ.

ރޭ ސެވިއްޔާގެ އަމިއްލަ ދަނޑުގައި ސިޓީ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލުޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ކެވިން ޑިބްރޭނާގެ ހުރަހަކުން ހާލަންޑް ޖެހި ގޯލެކެވެ.

ހާލަންޑުގެ އެ ގޯލުން 1-0ގެ ނަތީޖާއަކުން ސިޓީ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެެވަނަ ހާފު ފަށައިގެން މެޗުގެ 54 ވަނަ މިނެޓުގައި ޖާއޯ ކޮންސޭލޯ ދިން ޕާހެއްގެ ބޭނުންހިފައި، ސެވިއްޔާގެ ނެމަންޖާ ގުޑެލްޖް ކައިރިން ރީތިކޮށް ނައްޓާލުމަށްފަހު ފިލް ފޯޑެން ވަނީ ގޯލެއް ޖަހައިފައެވެ.

މީގެއިތުރުން މެޗުގެ 67 ވަނަ މިނެޓުގައި ހާލަންޑު ވަނީ މެޗުގައި އޭނާގެ ދެވަނަ ގޯލު ޖަހައިފައެވެ. އެއާއެކު އޭނާ ސިޓީއަށް ކުޅުނު ހަތް މެޗުގައި 12 ގޯލު އޭނާ ވަނީ ޖަހައިފައެވެ.

އެ ނަތީޖާއާއެކު މެޗު ނިމެންދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ކޮންސޭލޯގެ އެހީތެރިކަމާއެކު ރޫބެން ޑިއާޒް ވަނީ މެޗުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ.

ސިޓީގެ އެ މޮޅާއެކު އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގެ އެއްވަނައިގައެވެ. ރޭ ކޮޕެންހޭގަން އަތުން 3-0ގެ ނަތީޖާއަކުން މޮޅުވެ ޑޯޓުމަންޑު އޮތީ އެ ގްރޫޕްގެ ތާވަލުގެ ދެވަނައިގައެވެ.