31 Mar 2012, 15:54
ފުލުހުންގެ ލާންސް ކޯޕްރަލް ރޭންކުން ފެށިގެން ފެށިގެން ގިނަ ބަޔަކަށް ޕްރޮމޯޝަންދީ، އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ހަތަރު ބޭފުޅަކު ޕްރޮމޯޓްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފު މިއަދު ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނަރުންނަށް މިއަދު ހަމަޖެއްސީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި އަބްދުﷲ ފައިރޫޝް އާއި ހުސެއިން އާދަމް އާއި އަހުމަދު ސައީދު އަދި ހަސަން ހަބީބު ކަމަށެވެ.
އެ ހަތަރު ބޭފުޅުން އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓް ކުރުމުން އެ މަގާމުގެ އަދަދު ހަތަކަށް އެރީ އެވެ.
މިހާރު އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ތިއްބެވީ، މުހައްމަދު ސޯދިގު އާއި އަލީ ރަޝީދުގެ އިތުރަށް އަހުމަދު އަރީފެވެ. ނަމަވެސް އަރީފު ހުންނެވީ ނޯޕޭލީވްގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ މިއަދު އިސްކަންދަރު ކޮށީގައި އޮތް ޕްރޮމޯޝަން ދިނުމުގެ ރަސްމިއްޔާތުގައި މާލެ އާއި ރަށްރަށުގައި ތިބި އެކި ރޭންކްތަކުގެ 800 އާއި 1000 ވަރަކަށް ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށެވެ. އަދި ޕްރޮމޯޝަން ދީފައި ވަނީ ފުލުހުންނަށް ކުރިއެރުން ދިނުމުގެ އޮނިގަނޑުގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއަދު ފުލުހުންނަށް ޕްރޮމޯޝަން ދީފައި ވަނީ ފުލުހުންގެ އާއިލާތަކާ އެކު އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި އަދި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.