ނެޓްފްލިކްސް ޓީވީ ސީރީޒް، ސްޓްރޭންޖާ ތިންގްސްގެ އެންމެ ފަހު ސީޒަންގެ ކުޑަ ޓީޒާއެއް ދޫކޮށްލައިފިއެވެ.

ސްޓްރޭންޖާ ތިންގްސްގެ ލިޔުންތެރިން ޓްވިޓާގައި ދޫކޮށްލި ކުޑަ ޓީޒާގައި ފެންނަނީ، ހުުދު ބޯޑެއްގައި 8 އެޕިސޯޑަށް ބަހާލާފައިވާ ޗާޓެކެވެ. 'ގްރިޑް ސްޓޭޖު' ޖަހައި ޝެއާ ކުރި މި ޕޯސްޓަށްފަހު އިތުރު މައުލޫމާތެއް ލިޔުންތެރިން ހިއްސާއެއް ނުކުރެއެވެ.

މި ޕޯސްޓު ޝެއާކުރުމާއެކު ބައެއް ފޭނުން ވަނީ އެންމެ އަށް އެޕިސޯޑް ފައިނަލްގައި ގެނެސްދޭތީ ހިތާމަކުރާކަމަށް ބުނެފައެވެ. އަދި، ފައިނަލް ސީޒަނަށް އުއްމީދު ކުރެވެނީ ގިނަ އެޕިސޯޑް ތަކަކާއެކު މޮޅު ނިންމުމެއް ގެނެސްދިނުން ކަމަށް ބުނެއެވެ.

މި ސީރީޒްގެ އެއް ލިޔުންތެރިޔާ މެޓް ޑަފަރ، ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުގައި ބުނެފައިވަނީ، ފަހު ސީޒަން ގެނެސްދޭން މަސައްކަތް ކުރަނީ ފުރަތަމަ ސީޒަން ގޮތަށް ސިމްޕްލިސިޓީ އާއެކު ކަމަށެވެ.

"ސީޒަން 5 ގައި ގެނެސްދިންގޮތަށް އެޕިސޯޑްތައް އެހާ ދިގު ނުކޮށް، މަސައްކަތް މި ކުރަނީ ފުރަތަމަ ސީޒަން ކަހަލަ ސިމްޕަލް ސްޓްރަކްޗާ އެއްގައި ފަހު ސީޒަން ގެނެސްދެވޭތޯ،" އޭނާ ބުންޏެވެ.

ޑަފާ ބްރަދާސްގެ ސައިންސް ފިކްޝަން ހޮރޯ މިސްޓްރީ މި ސީރީޒް އަށް މި އަހަރުގެ އެމީ އެވޯޑްސްގައި ވެސް ވަނީ އެވޯޑުތަކެއް ލިބިފައެވެ. އެގޮތުން، އެންމެ މޮޅު މިއުޒިކް ސުޕަވިޝަން އާއި ޕްރޮސްތެޓިކް މޭކަޕް އާއި ސައުންޑް އެޑިޓިންގ އާއި ސައުންޑް މިކްސިންގ އަދި ސްޓަންޓް ކޯޑިނޭޝަން އިން އެވޯޑު ލިބުނެވެ. އަދި، މި މަހު 12ގައި ބާއްވާ ޕްރައިމްޓައިމް އެމީ އެވޯޑްސްގެ އެންމެ މޮޅު ޑްރާމާ ސީރީޒް އަށްވެސް ސްޓްރޭންޖާ ތިންގްސް ވަނީ ނޮމިނޭޓް ވެފައެވެ.