ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި އެންމެ މުހިންމު ކަމަކީ ޖަލުތަކުގެ ހާލަތު ދެނެގަތުންކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ރައީސްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޮޑިޓެއް އެކުލަވާލިކަމަށެވެ.

"އަދި މި އޮޑިޓުން ފާހަގަވި ކަންކަން ރަނގަޅުކުރަން އަޅުގަނޑުމެންނަށް ހުށަހެޅި،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޖަލުތަކުގެ ހާލަތު ބަދަލުކުރުމުގެ މަސައްކަތް ކަރެކްޝަންސްއިން ކުރަނީ އެ ޖަލުތަކުގެ ހާލަތު ރަނގަޅަށް ދެނެ ތިބެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހިންގުން ހަރުދަނާ ކުރުމަށް ކަރެކްޝަނަލް ސާވިސްގެ އިދާރީ އޮނިގަނޑަށް ބަދަލުގެނެސްފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

ޖަލު އޮފިސަރުންގެ އެކިއެކި ކުށްތައް ހޯދައި ތަހުގީގުކުރަން ފަށާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޖަލު އޮފިސަރުންނާ މުވައްޒަފުން ކުރާ އެކިއެކި ކުށްތައް ހޯދައި ބަލައި ތަހުގީގުކުރަން ވަނީ ފެށިފަ. ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ޕްރޮފެޝަނަލް ސްޓޭންޑަޑްސްއިން ވަނީ މުވައްޒަފުންނާ ގުޅުންހުރި 56 މައްސަލަ ތަހުގީގުކޮށްފަ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ދީފައި ނުވާފަދަ އިސްކަމެއް ދީގެން މުވައްޒަފުންގެ ގާބިލުކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަން ވެސް އަހުމަދު މުހައްމަދުފުޅު ފާހަގަކުރެއްވިއެވެ.

ޖަލުތަކުގައި އެންމެ އަވަސް ހައްލެއް ބޭނުންވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބައިތިއްބާފައިވާ މީހުންގެ މައްސަލައަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތިން ޖަލެއްގައި މިހާރުވެސް 300އަށްވުރެ ގިނަ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑުގެ ދަތި ހާލަތުގައި ޖަލު އޮފިސަރުން ކުރެއްވި ބުރަ ޚިދުމަތް ފާހަގަކުރައްވައި ސީޕީ ވަނީ ޖަލު އޮފިސަރުންނަށް ޝުކުރު ދަންނަވާފައެވެ.