އަތޮޅުތެރޭ މީހުން މާލެއަށް ހިޖުރަ ކުރަނީ ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއެކު މުނިފޫހިފިލުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން ގިނަ ބަޔަކު އެމަނިކުފާނަށް ރައްދު ދޭން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އިއްޔެ ހުށަހެޅުއްވި ގަރާރުގެ ބަހުސް މަރުހަލާގައި ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުން މާލެއަށް މީހުން ހިޖުރަކުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުނިފޫހިފިލުވުމުގެ އިތުރުން އެ ރަށުގައި ކުރާނެ ކަމެއް ނެތުން ހިމެނޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އާބަން ދިރިއުޅުމަށް މިއަދުގެ ޖީލު މާބޮޑަށް ވެސް ޝައުގުވެރިވާ ކަމަށާއި ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލް ނޭންބުރޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް މީހުން ރައްދު ދީފައި ހުރީ މައިގަނޑު ދެ ގޮތަކަށެވެ. އެއީ އެކަން ޖޯކަކަށް ހެދި މީހުންނާއި ރުޅި ގަދަ ވެގެން ޒުވާބުދިން މީހުންނެވެ.

ރައީސް ނަޝީދަށް ފާޑު ކީ މީހަކު ބުނިގޮތުގައި ރާއްޖެތެރޭ މީހުން މާލެ އަންނަނީ މާލޭ މީހުން ހާލުގައިޖެހިފައިވާތީ އެހީ ވާށެވެ. އަދި މާލޭ މީހުންގެ ކެއުންބުއިމާއި އެމީހުންގެ ދަރިން ބޭރަށް ފޮނުވައިގެން ކުރަންޖެހޭ ޚަރަދުތައް ހަމަޖައްސަނީ ވެސް ރާއްޖެތެރޭ މީހުން ދިނީމާ ކަމަށް ބުނެފައިވެއެވެ. އެއީ ބޮޑު ކުލީގެ ވާހަކައެވެ.

"އަހަރެމެން މާލެ ދަނީ ރަށުގައި މަސާޖުޕާލާއެއް ނެތީމަ،" ނަޝީދަށް ޖޯކު ޖެހި މީހަކު ބުންޏެވެ.

"ރާއްޖެތެރޭގެ ހާލަތު ބަލައި ސަރުކާރެއް އަދި ނާދޭ. އައްނަ މީހުން ވެސް ސަރުކާރު ކާލާފައި ރައްޔިތުންނަށް ދައްކަނީ ހުސް ތޮށިގަނޑު،" އިތުރު މީހަކު ބުނެފައިވެއެވެ.

އެހެން މީހަކު ބުނެފައިވަނީ އޭނާ މާލެ އައީ ގްރޭޑް ފަހަކަށްވުރެ، މައްޗަށް ކިޔެވެން ރަށުގައި ނެތިގެން ކަމަށެވެ. އަދި ކިޔަވާ ނިމިގެން ރަށަށް ދާން ބެލިއިރު، ވަޒީފާއެއް ނުލިބުނު ކަމަށެވެ.

"އެހެންވީމަ މިހާރު މާލޭ ބޭފުޅެއްގެ ގެއިން ތަންކޮޅެއް ކުއްޔަށް ނަގައިގެން މި އުޅެނީ މުނިފޫހިފިލުވާ އަޗާ ތަޅަން،" މާލާމާތް ކުރަމުން އެމީހާ ބުނެފައިވެއެވެ.

"އަސްލު މާލޭގައި ކެނެރީގެ ހުންނާތީ އެންމެން ދަނީ. މަވެސް އަދި ދާނަން މަނިކުފާނު ބޮޑުވަޒީރަކަށް ހޮވުނީމަ،" ރައީސް ނަޝީދަށް ޖޯކު ޖަހަމުން މީހަކު ބުނެފައިވެއެވެ.

އިތުރު މީހަކު ވަނީ "ހިތްތަކުގެ ރައީސް" ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކައެއްތޯ ސުވާލު ކޮށްފައެވެ. އަދި ވޯޓު ހޯދަން ވެގެން ރާއްޖެތެރެއަށް ނައުމަށް ބުނެ، އިންޒާރު ދީފައިވެއެވެ.

ރައީސް ނަޝީދަށް ފާޑު ކިޔަމުން އެހެން މީހަކު ބުނި ގޮތުގައި ރާއްޖެތެރޭ މީހުން މާލެ އަންނަނީ މާލޭ މީހުންނަށް ކާންދޭން ވެގެންނެވެ. އަދި މާލެ އަންނަނީ އެމްޑީޕީއަށް ވެރިކަން ދިނުމުން ރާއްޖެތެރެއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާތީކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަައީދު ވެސް ވަނީ ރައްދު ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އާއިލާ މާލެ އައީ ރަށުގައި ކިޔެވެން ނެތިގެން ކަމަށެވެ. މާލެ އައިސް ދިރިއުޅުނީ 10 ފޫޓު 10 ފޫޓުގެ ކޮޓަރިއެއްގައިކަން ފާހަގަ ކުރައްވާ ވިދާޅުވީ އެ ކޮޓަރީގައި 11 މީހުން އުޅުނު ކަމަށެވެ.

"ނިދީ ތަޅުންގަނޑުގައި ކުނާ އަޅައިގެން. ބައެއް ރޭރޭ ބޯ އަޅާނެ ބާލީހެެއް ނުލިބެ. ބޮޑުބޭބެގެ އަތްމަތީގައި ނިދި ރޭރޭ ވެސް ހުންނާނެ. ސާފުވެއްޖެތޯ؟،" ޝަހީމް، ސުވާލު ކުރައްވާފައިވެއެވެ.

ރާއްޖެތެރެއާއި މާލޭގެ ބަހުސަކީ ޒަމާންވީ ކަމެކެވެ. ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ނިންމުމާއެކު އެ ބަހުސް ވަނީ އިތުރަށް ބޮޑުވެފައެވެ. އެހާލަތުގައި އޮށްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކު މިވަނީ އިތުރަށް ރުޅިގަދަވެފައެވެ.