މަޝްހޫރު ބޮޑެތި ކުލަބުތަކުގެ ހުށަހެޅުންތައް ލިބެމުންދިޔަ ކަމުގައިވިޔަސް، އަދިވެސް ބޭނުން ވަނީ ސަންޓޯސްގައި މަޑު ކުރަން ކަމަށް ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ބުނެފި އެވެ.

"އަހަރެން ބޭނުމެއް ނޫން ސަންޓޯސް ދޫކޮށްލާކަށް. އަދި ބޭނުމީ މަޑުކުރަން. އެފްރިކާގެ ގައުމަކަށް ވެސް ނުދާނަން. ޔޫރަޕަކަށް ވެސް އަދި ނުދާނަން" ނޭމާ ބުންޏެވެ.

ނޭމާ ބުނީ، ޔޫރަޕްގެ މަޝްހޫރު ދެ ކުލަބުގެ އިތުރުން އެފްރިކާގެ ދެ ކުލަބަކުން ވެސް ދާދި ފަހުން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އެ ހުށަހެޅުންތަކަށް އިންކާރު ކުރީ، 2014 ވަނައަހަރު އަމިއްލަ ގައުމުގައި އޮންނަ ވޯލްޑް ކަޕަށް ވިސްނާފައި ކަމަށެވެ. އެގޮތުން ވޯޑް ކަޕް ބްރެޒިލްއަށް ކާމިޔާބު ކުރެވެން އަދި އޮތީ ސަންޓޯސްގައި މަޑު ކުރުމުން ކަމަށް ވެސް ނޭމާ ވަނީ ބުނެފައެވެ.

ސަންޓޯސް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ނޭމާ އާކުރީ ދާދި ފަހުންނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން އެކުލަބާއި އެކު 2014 ވަނަ އަހަރާއި ޖެހެންދެން ހުންނާނެ ކަމެވެ. ކޮންޓްރެކްޓް އާކުރުމުން ނޭމާ ހޯދުމަށް މަސައްކަތް ކުރާ ކުލަބުތަކަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވެފައި ވެ އެވެ.