އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ހާލަތު ގޯސް ވުމުގެ ސަބަބުން އެ ގައުމުގައި ތިބި ދިވެހީންގެ ހާލު ގާތުން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރައްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ބެންގަލޫރުގައި ރަޖިސްޓްރީވެފައިވާ ދިވެހީންނަށް ވަކިވަކިން ގުޅާ އެމީހުންގެ ހާލު ގާތުން ބަލަމުންދާކަމަށެވެ.

"މިކަމުގެ އިތުރު މައުލޫމާތު ލިބުނު ލިބުނު މިންވަރަކުން ހިއްސާކުރާނަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ބެންގަލޫރަށް ކުރާ ބޯ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ އެ ސަރަހައްދުގެ ކަރަންޓު ސަޕްލައިކުރާ ތަންތަނަށް ވަނީ އަސަރުކޮށްފައެވެ. އެހެންކަމުން އެ ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާއިރު، ގިނަ ގެތައް ވަނީ ފެނުގެ އަޑީގައި ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.