07 Sep 2022, 08:50
"އާނ. އަހަރެންގެ އަންހެނުން އެއީ." ރީމާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން ހަޤީގަތް ހާމަކުރާކަށް ނާޒިލްވެސް ބޭނުމެއް ނުވިއެވެ. އޭނާގެ އެ ޖަވާބާއެކު ރީމާގެ މޫނުމަތިން ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެއް ފެނިގެން ދިޔައެވެ.
ރީމާއަށް އޭނާގެ ކަންފަތަށް އަޑު އިވުނު ޖުމްލަތައް ގަބޫލެއް ނުކުރެވުނެވެ. އޭނާއަށް ނާޒިލްއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. ނާޒިލްގެ އެ ޖަވާބުން އޭނާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ނާޒިލް އޭނާއަށް ދޮގުހަދަނީކަމުގައި އޭނާގެ ހިތް ބުނަމުން ދިޔަ ނަމަވެސް، ނާޒިލްގެ މޫނުމަތިން ފެންނަމުން ދިޔައީ ސާބިތުކަމެކެވެ. ރީމާއަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު އިނދެވުނެވެ.
"ކޮން އިރަކު؟" އެ ސުވާލުކޮށްލި ރީމާގެ އަޑުގައި ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ވީކަން ނާޒިލްއަށް ވެސް ދެނެގަނެވުނެވެ. ރީމާއަށް ވެފައި އިން ގޮތުން ނާޒިލްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ރީމާގެ މޫނުމައްޗަށް އަރާފައިވަނީ އޭނާ އުންމީދު ކުރި ފަދަ ކުލަވަރެކެވެ. ރީމާ އޭނާ ދޫކޮށްލާފައި އެހެން މީހަކާ އެކީގައި ދިޔަ ދުވަސް ދުވަހަކުވެސް ނާޒިލް ހަނދާނަކުން ނުފިލާނެއެވެ. އެވެސް އޭނާގެ އެއްވެސް ކުށެއް ނެތިއެވެ.
"ކިތަންމެ ދުވަހެއް ވެއްޖެ! ރީމާ ހީކުރީ ރީމާ އަހަރެން ދޫކޮށްލާފައި ދިޔުމުން އަހަރެން މުޅި އުމުރަށް ރީމާގެ އިންތިޒާރުގައި ހުންނާނެކަމަށްތަ؟" ރީމާއަށް ބަލައިލުމަށްފަހު ނާޒިލް އެއްމިޔަކަށް ހިނިތުންވެލިއެވެ.
"ތީ ދޮގު. ނާޒިލް އަދި މީހަކާ ނީނދޭ... އިން ނަމަވެސް އަދިވެސް ނާޒިލް ލޯބިވަނީ އަހަރެން ދެކެ!" ރީމާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު ބުނެލިއެވެ. ނާޒިލްއަކީ އެހެން މީހެއްގެ ޙައްޤެއް ކަމަށް ޤަބޫލުކުރާކަށް އޭނާގެ ހިތް އެއްގޮތަކަށް ވެސް އެއްބަހެއް ނުވެއެވެ. މުޅި ހަށިގަނޑުގައި އުފެދެމުން ދިޔަ ތޫފާނުން އޭނާގެ މެއަށް އުނދަގޫވަމުން ދިޔައެވެ. ހަށިގަނޑުގެ ހުރިހާ ސެލްތަކަކަށްވެސް މާޔޫސްކަމުގެ އަސަރުތައް ފޯރަމުން ދިޔައެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ރީމާއަށް އިނދެވުނު އިރު ނާޒިލް ވެސް އިރުކޮޅަކު ރީމާއަށް ބަލަހައްޓައިގެން އިނުމަށްފަހު ވާހަކަ ދެއްކިއެވެ.
"ރީމާ ދައްކަން އައި ވާހަކަ ވެސް އަހަންނަށް އަޑު އިވިއްޖެ. އަހަރެން ދެއްކި ވާހަކަ ވެސް ރީމާއަށް އަޑު އިވިއްޖެކަަމުގައި އަހަރެން އުންމީދުކުރަނީ. ރީމާއަށް ވެސް ރަނގަޅީވާނީ ވީހާވެސް އަވަހަކަށް މިތަނުން ދިޔައިއްޔާ. ރީމާއަށް ދޭނެ ވަގުތެއް އަހަރެންގެ އަތަކު މިހާރަކު ނެތް." ނާޒިލް ބުނެލިއެވެ. އެއަށްފަހު އޭނާ ދޮރާ ދިމާލަށް އިޝާރާތްކޮށްލިއެވެ. ނާޒިލްއަށް ބަލަހައްޓައިގެން އިނުމަށްފަހު، ރީމާ މަޑުމަޑުން ތެދުވެލިއެވެ. އެއަށްފަހު ދޮރާ ދިމާލަށް ހިނގައިގަތެވެ. ނާޒިލް ދުރުބަލައިލިއެވެ. ރީމާއަށް ބަލައިލަންވެސް އޭނާގެ ޒަމީރު ނުރުހޭފަދައެވެ. ދޮރުގެ ތަޅުގައި ހިފައިލުމަށްފަހު އަދިވެސް އެއްފަހަރު ރީމާ ނާޒިލްއަށް ބަލައިލިއެވެ. ނާޒިލް ދުރުބަލަހައްޓައިގެން އިނުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވެއްޖެއެވެ. ނާޒިލް ބަދަލުވެއްޖެކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ރީމާއަށް ކުރެވިގެން ދިޔައެވެ. ނާޒިލް ދޫކޮށްލެވުނު ކަމުގެ މޮޔަ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަތުން ބީވެގެން ދިޔައީ އަގު ބޮޑު ޖަވާހިރެއްކަން އޭނާއަށް އިޙްސާސްވީ އަދި ކިރިޔާއެވެ. ނާޒިލްއާއެކު އުޅެމުން އެެހެން މީހަކާ ގުުޅުމެއް ބޭއްވުމަކީ އެ ދުވަހަު އޭނާއަށް ކުރެވުނު ކުށެއްކަމުގައި މޭގައި ޖަހާ ވިންދުވެސް ބުނަމުން ދިޔަ ފަދައެވެ. މާޔޫސްކަމުން އޭނާގެ ހިތް ބަދެވިގެން ދިޔަފަދަ އިޙްސާސްއެއް ރީމާއަށް ކުރެވެމުން ދިޔައެވެ. އެދުވަހު ކަންތައްކުރެވުނު ގޮތާ މެދު އޭނާ ހިތާމަކުރިއެވެ. އެހެންނަމަވެސް އަދިވެސް ނާޒިލް މީހަކާ އިންކަމަކަށް އޭނާގެ ހިތް އެއްބަހެއް ނުވެއެވެ. ހިތްބުނަނީ އަދިވެސް ނާޒިލްއަކީ އޭނާގެ މީހެއްކަމުގައެވެ. އަދިވެސް ނާޒިލް އޭނާގެ ކައިރިއަށް އަންނާނެ ކަމުގައެވެ. އެހެންނަމަވެސް ސިކުނޑި ބުނަމުން ދަނީ އެހެން އެއްޗެކެވެ. ދެން ނާޒިލް އޭނާގެ ޙަޔާތަށް އައުން ނެތްކަމުގައެވެ. ނުވާނެކަމަކަށް ވަގުތު ބޭކާރު ނުކުރުމަށެވެ. ރީމާ ދޮރު ހުޅުވާލާފައި ނުކުތުމުން ނާޒިލް ދޮރާ ދިމާލަށް ބަލައިލިއެވެ.
މިޝްޔާއަކީ އޭނާގެ އަންހެނުންކަމަށް ބުނުން އެއީ އަނެއްކާ އޭނާއަށް ކުރެވުނު ކުށެއްހެއްޔެވެ؟ ރީމާއަށް އޮޅުވައިލަން ވިޔަސް އެވަރުގެ ދޮގެއް ހަދަން ވެދާނެހެއްޔެވެ؟ އެކަން މާކިންއަށް ނުވަތަ މިޝްޔާއަށް އެނގުމުން ވާނީ ކިހިނެއްހެއްޔެވެ؟ ނާޒިލް ކުޑަކޮށް ހާސްވާގޮތްވިއެވެ. މާކިންއަށް އޭނާގެ މާޒީ ސިއްރުކޮށްފައިވީ ފަދައިން މިކަންވެސް ސިއްރުކުރެވިދާނެއެވެ. ރީމާއަކީ ކާކުކަމެއް އެ ދެމީހުން ކުރެ އެކަކަށް ވެސް ނޭނގޭނެއެވެ. ނާޒިލް ފުން ނޭވާއެއް ދޫކޮށްލިއެވެ.
މިޝްޔާއާ މެދު އޭނާއަށް ވިސްނެމުންދިޔަކަން ނާޒިލްއަށް އެނގޭވެސް މެއެވެ. އެހެންނަމަވެސް، އޭނާގެ އަންހެނުންގެ މަޤާމަށް ދުވަހަކުވެސް މިޝްޔާ އަތުވެދާނެހެއްޔެވެ؟ ހިތަށް އެފަދަ ޚިޔާލުތަކެއް ވެރިވާން ފެށުމުން ނާޒިލް ނުތަނަވަސް ވާގޮތްވިއެވެ. މިޝްޔާއަކީ އޭނާގެ ޕޭޝެންޓެއްކަން އޭނާ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދެފަރާޔަށް ބޯ ހޫރައިލީ އެ ޚިޔާލުތަކުން ނުކުތުމުގެ ބޭނުމުގައެވެ. ނާޒިލް ފައިލަށް ނަޒަރު ހުއްޓައިލުމަށްފަހު މޭޒުގައި ބޯ ޖައްސައިލިއެވެ. ރީމާ ފެނުމުން އޭނާގެ މޫޑުވެސް އެކީ ޚަރާބުވެއްޖެއެވެ.
*****
މިޝްޔާގާތުން ސަލާމަތްވެގެން މާކިން އޭނާގެ ކޮޓަރިއަށް ގޮސް ވަތްއިރުވެސް އޭނާގެ ތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ނައިރާއާ މިޝްޔާއާ ދެމީހުން ބައްދަލުކުރުވަން އޭނާ މިޝްޔާގެ ކައިރީގައި އެއްބަސްވިކަން ހަނދާންވުމާއެކު އޭނާގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވިއެވެ. ނައިރާއާއި މިޝްޔާއާ ދެމެދު އެކުވެރިކަމެއް އުފަން ވުން ވެގެން ދާނީ މިޝްޔާގެ ޙަޔާތުގައިވީ އެކަނިވެރިކަން ފިލުވައިލަން ލިބިގެންދާނޭ ފުރުސަތެކެވެ. އޭނާ ގޮސް އެނދުމަތީގައި އިށީނުމަށްފަހު ނައިރާއަށް ގުޅައިލިއެވެ.
"ކީއްވެ އެ ގަޑީގައި މާ އަވަހަށް ފޯނު ބޭއްވީ؟" ފޯނު ނެގުމަށްފަހު ނައިރާ ސުވާލުކޮށްލިއެވެ. މާކިން ކުރުގޮތަކަށް ވީ ގޮތް ނައިރާއަށް ކިޔައިދިނެވެ. މާކިންގެ ވާހަކަތަކުން ނައިރާގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.
"ދެން ބުނެބަލަ! ކަމަކުތަ އަހަންނަށް ގުޅީ..." މާކިން ސުވާލުކޮށްލިއެވެ.
"ޔެސް. އަހަންނަށް ޖޮބް ލިބުނު ވާހަކަ ބުނަންވެގެން..." ނައިރާގެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެކެވެ. އެ އުފާވެރިކަމުން މާކިންގެ ހިތަށް ފިނިކަން ލިބުނެވެ.
"ކޮންގްރެޗުލޭޝަންސް ލަވް." މާކިން ނައިރާއަށް މަރުހަބާކިޔެވެ. އޭނާ ނައިރާގެ އުފަލުގައި ފުރިހަމައަށް ބައިވެރިވިއެވެ.
"ކޮން އިރަކުން ދެން އަހަންނާ މިޝްޔާއާ ބައްދަލުކުރުވާނީ؟" ނައިރާ ސުވާލުކޮށްލިއެވެ.
"ވަރަށް އަވަހަށް. ހެހެ. މި ފެށޭ ހަފްތާގައި ހިނގާ އެކަމާ އުޅެމާ..." މާކިން ބުނެލިއެވެ. ނައިރާއާ ވާހަކަ ދައްކާލާފައި ފޯނު ބޭއްވުމަށްފަހު މާކިން ވަނީ ފާޚާނާއަށެވެ. އޭނާ ފެންވަރާލައިގެން ނުކުމެ ނިދަން ތައްޔާރުވެލައިގެން އައިސް އޮށޯވެލިއެވެ. ހަށިގަނޑުގައި ކޮންމެވެސް ކަހަލަ ވަރުބަލިކަމެއް ވުމާއެކު އޭނާގެ އެސްފިޔަތަކަށް ބަރުވާން ފެށިއެވެ. ރިފްއަތުވެސް ނެތުމާއެކު އޮފީހުގެ ކަންތައްތައް ދަނީ ނުހަނު ބުރަކޮށެވެ.
*****
ޖެހިގެން އައި ހަފްތާގައިވެސް މިޝްޔާ ނާޒިލްގެ ކައިރިއަށް ސެޝަން އެއް ނަގަން ދިޔައީ ރޭގަނޑުގެ ވަގުތެއްގައެވެ. މިޝްޔާ ހޮސްޕިޓަލަށް ލުމަށްފަހު ކުއްލިއަކަށް އޮފީހަށް ދާންޖެހިގެން އެ ވާހަކަ ނާޒިލްއާ މިޝްޔާއާ ދެމީހުންގެ ކައިރީގައި ބުނުމަށްފަހު މާކިން ދިޔައީ އޮފީހަށެވެ. ސެޝަން ނިންމައިލުމަށްފަހު މިޝްޔާ ނުކުންނަން ދާން ހިނގައިގަތުމުން ނާޒިލް ވާހަކަ ދެއްކިއެވެ.
"މިޝްޔާ ބޭނުމިއްޔާ މަޑުކޮށްލެވިދާނެ އިނގޭ. މާކިން ވީ އޮފީހުގައެއްނު." ނާޒިލް ބުނެލިއެވެ.
"އަހަރެން އެބަ މެސެޖްކޮށްލަން... ތިރީގައި އޮންނަ ގާޑެންގައި އަހަރެން މަޑުކޮށްލާނަން..." މިޝްޔާ އެހެން ބުނެލުމަށްފަހު ހިނިތުންވެލިއެވެ. އެއަށްފަހު އޭނާ ރޫމުން ނުކުމެލިއެވެ.
މިޝްޔާ ހޮސްޕިޓަލުގެ ބަގީޗާއާއި ދިމާލަށް މިސްރާބުޖެހިއެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ހުރެ އޭނާ ހިނގަމުން ދިޔައިރު އިރުއިރުކޮޅަކާ އޭނާ ކުރިމައްޗަށް ވެސް ބަލައިލައެވެ. މާކިންއަށް މެސެޖެއް ކޮށްލުމަށްފަހު، މިޝްޔާ ގޮސް ބަގީޗާ ތެރެއަށް ނުކުމެލިއެވެ. މިޝްޔާގެ ފަހަތުން އިތުރު މީހަކު އަންނަމުންދިޔަކަމެއް އޭނާއަކަށް ނޭނގުނެވެ. އެތަނުގެ އެއްފަރާތުގައި މީހުން ނެތް ބެންޗެއްގައި މިޝްޔާ އިށީނދެލިއެވެ. އެއަށްފަހު އޭނާ ފޯނުން ޑޭޓާ ޖައްސައިލުމަށްފަހު، އެފްބީއަށް ވަދެލިއެވެ.
"މިޝްޔާތަ؟" ކުރިމަތިން މީހަކު ވާހަކަ ދެއްކި އަޑާއެކު މިޝްޔާއަށް އެ ދިމާލަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. އެއީ ދުވަހަކުވެސް އޭނާއަށް އޮޅޭނެ އަޑެއް ނޫނެވެ. އެ އަޑު ހަމަ ކަންފަތުގައި ޖެހުމާއެކު އޭނާގެ މުޅި ނަފްސުވެސް ހަރުކަށިވެގެން ދިޔައެވެ. އަތުގައި އޮތް ފޯނަށް ބާރުކޮށްލެވުނުއިރު އޭނާގެ ނޭވާވެސް އަވަސްވެއްޖެއެވެ. ނުތަނަވަސްކަމުން މީހާ ހައްޔަރުވެގެން ދިޔަ އިޙްސާސްއާއެކު މިޝްޔާގެ ހިތުގެ ތެޅުން އޮބި ނޯންނަ ވަރަށް ބާރުވެލިއެވެ.
(ނުނިމޭ)