06 Sep 2022, 18:18
ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްގީ ކުރުމަށް ނިންމާފައިވާއިރު އެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، އެ އެސޯސިއޭޝަންގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، އެންބީއޭއެމްގެ ބޭފުޅުން ވަނީ އެ އެސޯސިއޭޝަން އުފެދުނީއްސުރެ ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ބޯޓިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަގްވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުސޫލެއް ނެތުމުން ދިމާވާ ދަތިތަކާއި، ބައިނަލްއަގްވާމީ ކްރޫޒް ލައިނަރުތައް ރާއްޖޭގައި ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން ގުދުރަތީ ވަސީލަތްތައް އެންމެނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިންމުކަމާއި، އެންބީއޭއެމްގެ މަސައްކަތްތައް ފުޅާވަމުންދާއިރު އެތަނުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
އެ ބައްދަލުމުގައި ރައީސް ވިދާޅުވީ އެންބީއޭއެމް އިން ފާހަގަކޮށްފައިވަނީ މުހިންމު ކަންކަން ކަމަށްވުމުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.