06 Sep 2022, 12:11
ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ނިޒާމުގެ ތެރެއިން މާލެ ތެރޭގައި ކުރިއަށް ގެންދާ މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށިތާ 24ގަޑިއިރުގެ ތެރޭގައި 2،000އަށްވުރެ ގިނަ މީހުން ދަތުރުކޮށްފިއެވެ.
މިނީ ބަހުގެ ދަތުރުތަށް މާލޭގައި ފަށާފައިވަނީ އިއްޔެއެވެ.
އެމްޓީސީސީން "ސަން"އާ ހިއްސާ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިނީ ބަސްދަތުރުތައް ފަށައިގެން 24ގަޑިއިރު ތެރޭގައި ޖުމުލަ 2،257 މީހުން މިނީ ބަހުން ދަތުރު ކޮށްފައިވެއެވެ.
އެގޮތުން މިނީ ބަސް ދަތުރުކުރާ ތިން ރޫޓެއް އޮންނައިރު އޯކިޑް ރޫޓުން ދަތުރުކޮށްފައިވަނީ 621 މީހުންނެވެ. އަދި އަމީނީ ރޫޓުން 882 މީހުން ދަތުރުކޮށްފައިވާއިރު ސޯސަން ރޫޓުން 754 މީހުން ވަނީ ދަތުރުކޮށްފައެވެ.

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން
ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45އިން ދަންވަރު 00:15އަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރުފަށާނެއެވެ.
ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން މިނީ ބަހުގެ ޚިދުމަތް އިއްޔެ ފަށާފައިވާއިރު ދެ ހަފުތަގެ މުއްދަތަށް ދަތުރުތަށް ހިލޭ ކުރެވޭނެއެވެ.
އޭގެ ފަހުން ކޮންމެ ބަސްދަތުރަކަށް ހަތް ރުފިޔާ ނަގާނެއެވެ.
ދެ ހަފުތާއަށް ފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީއިން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން
މާލޭގެ އެތެރޭގެ ދަތުރުތަކަށް "ޕަބްލިކް ޓްރާންސްޕޯޓް"ގެ ރަނގަޅު ނިޒާމެއް ނެތުމަކީ ޒަމާންވީ މައްސަލައެކެވެ. އެހެންކަމުން އެތެރޭގެ ދަތުރުތަކަށް ގިނަ ބަޔަކަށް މަޖުބޫރުވީ އަމިއްލަ އުޅަނދު ހޯދުމަށެވެ. އޭގެ ސަބަބުން އުޅަނދުތައް އިންތިހާއަށް އިތުރުވެ މާލޭގެ ޓްރެފިކަށް ބާރުބޮޑުވިއެވެ. އެކަމަށް އޮތް ހައްލަކީ ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މީގެ ކުރިން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މާލެ ތެރޭގައި ދުއްވުމަށް ބަސްތަކެއް ގެނައެވެ. އާއްމުންގެ ތަރުހީބުވެސް ލިބުނެެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. އޭގެ ފަހުން އެތެރޭގެ ދަތުރުފަތުރެއް މާލެ ތެރެއަކު ނެތެވެ.
އަމިއްލަ އުޅަނދު ނެތް މީހުން އެތެރޭގެ ދަތުރުތަކަށް މީގެ ކުރިން އޮތް ހަމައެކަނި ގޮތަކީ ޓެކްސީ ތަކެވެ. ޓެކްސީގެ އަގު ބޮޑުވުމާއި ލިބުން ދަތިކަމުގެ ޝަކުވާ އަބަދުވެސް އާމުންގެ ތެރޭގައި ބޮޑެވެ.