ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް މި ސީޒަންގައި ވެސް އެ މުބާރާތް ކާމިޔާބުކޮށް މަގާމު ދިފާއު ކުރެވޭނެކަމަށް އެ ޓީމުގެ ކޯޗު ކާލޯސް އެންޗޮލެޓީ ބުނެފިއެވެ.

ބައެއް މީޑިއާތަކުންނާއި ކުޅިވަރު ދިރާސާކުރާ މީހުންގެ ދިރާސާތަކުން ރެއާލްއަށް މި ސީޒަންގައި ޗެމްޕިއަންސް ލީގަށް ވާދަނުކުރެވޭނެކަމަށް ބުނެފައިވާތީ އެންޗޮލެޓީ ބުނީ މި އަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނީ ރެއާލްއަށްކަމަށެވެ.

"އެމީހުން ޖަހާ ހިސާބުތަކުން ރެއާލްއަށް ތަށި ނުލިބޭނެކަމަށް ބުންޏަސް އަހަރެން ހާހެއް ނުވޭ. އެވެސް ރަނގަޅު ނިޝާނެއް," އެންޗޮލެޓީ ބުންޏެވެ.

އޭނާ ބުނީ މިދިޔަ އަހަރު އެއްވެސް ބަޔަކު އެ ޓީމަށް ޗެމްޕިއަންސް ލީގު ލިބިދާނެކަމަށް އުއްމީދު ނުކުރާކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މި ސީޒަނަށް ޓީމު ވަރުގަދަ ވެފައިވާކަމަށް ވެސް އެންޗޮލެޓީ ބުންޏެވެ.

"މިދިޔަ އަހަރު ހިނގައިދިޔަ ކަންތައް އަނެއްކާވެސް ހިނގާނެ. އަޅުގަނޑުމެން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވާދަކުރަން މި ނުކުންނަނީ، ފައިނަލުގައި ވާދަކުރާނަން،" އެންޗޮލެޓީ ބުންޏެވެ.

ރެއާލްއިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ، މިދިޔަ ސީޒަނުގައި ގިނަބައެއްގެ ނަޒަރުގައި އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާ މެންޗެސްޓާ ސިޓީއާއި ޕީއެސްޖީއާއި ޗެލްސީގެ އިތުރުން ލިވަޕޫލް ބަލިކޮށްގެންނެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގު މިރޭ ފަށާއިރު ރެއާލް މިރޭ 12:00 ގައި ނިކުންނާނީ ސެލްޓިކްއާ ދެކޮޅަށެވެ. ރެއާލް ހިމެނިފައިވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ލެއިޕްޒިގްގެ އިތުރުން ޝަކްތަރު ޑޮނެސްކެވެ.