ލަވަކިޔުންތެރިޔެއްގެ ގޮތުގައި މަގުބޫލުކަން ހޯދި ވަން ޑައިރެކްޝަންގެ ހެރީ ސްޓައިލްސް އެކްޓުކޮށް ޕްރިމިއާކުރާ އާ ދެ ފިލްމެއް މި އަހަރު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ، އޮލިވިއާ ވައިލްޑްގެ ސައިކޮލޮޖިކަލް ތުރިލާ ފިލްު 'ޑޯންޓް ވޮރީ ޑާލިންގ' އާއި 'މައި ޕޮލިސްމަން' އެވެ.

ހޮލީވުޑް ކެރިއަރގައި އެކްޓިންގެ ދާއިރާއިން އަލަށް ފެންނަން ފެށި މި ތަރީގެ ތިން ވަނަ ފިލްމު ޕްރިމިއާގެ ކުރިން ބޭއްވި ނޫސްކޮންފަރެންސްއެއްގައި ވާހަކަދައްކަމުން ހެރީ ބުނީ އެކްޓިންގައި އޭނާ އަދިވެސް ވަރަށް އާ ކަމަށާއި، ގިނަ ފަހަރު ކުރެވެނީ ކީއްކަމެއްވެސް ނޭނގޭ ކަމަށެވެ. އަދި މިއުޒިކް އާއި އެކްޓިން އަކީ އެކި ގޮތްގޮތުން ބެލި ކަމުގައިވިޔަސް މުޅިން ތަފާތު ދެ ކަމެއް ކަމަށް ރިޕޯޓަރުންނާ ވާހަކަދައްކަމުން ހެރީ ބުންޏެވެ.

"މިއުޒިކް ހެދުމަކީ ވަރަށް ޕާސަނަލް ކަމެއް. އެކްޓިންގައި ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ. އެކްޓު ކުރަން މި ޖެހެނީ އެހެން މީހެއްގެ ގޮތުގައި. އެއީ އެކްޓިންގައި އެންމެ އިންޓްރެސްޓިން ވީ ކަމަކީ. ތަފާތު ލެންސަކުން ދުނިޔެ ބަލާލުން ކަހަލަ ކަމެއް މިއީ. އަދި މީގެ މަޖާ ކަމަކީ ކުރެވެނީ ކީއްކަމެއް ނޭނގުން" 28 އަހަރުގެ ހެރީ ސްޓައިލްސް، އޭނާގެ ކޯ ސްޓާރުންނާއެކު ދިން ޕްރެސްކޮންފަރެންސްގައި ބުންޏެވެ.

އިތުރަށް ބުނީ، އެކްޓު ކުރުމަކީ ހަގީގަތުގައި ވަރަށް މަޖާ ކަމެއް ކަމަށެވެ. އެހެން މީހެއްގެ ދުނިޔެއަކަށް ވަދެ، އެ ދުނިޔެ ދައްކުވައިދިނުމަކީ ތަފާތު އެކްސްޕީރިއަންސެއް ކަމަށެވެ.

ހޮލީވުޑް ފިލްމަކުން ހެރީ ސްޓައިލްސް އެންމެ ފުރަތަމަ ފެނިފައިވަނީ 2017 ވަނަ އަހަރު ކްރިސްޓޮފާ ނޮލަން ނެރުނު 'ޑަންކާކް" އިންނެވެ. އެހެންނަމަވެސް، ހެރީ އަކީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ޒުވާނުންގެ މެދުގައި 2015ގެ އަހަރުތަކުގައި މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ.