06 Sep 2022, 08:46
ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑުކޯން އެކުގައި ކުޅޭ އާ ފިލްމު 'ފައިޓާ' އަށް ތައްޔާރުވާން ރިތިކް ފަށައިފިއެވެ.
މި އަހަރުގެ ނޮވެމްބަރު މަހު ޝޫޓިން ފަށާ މި ފިލްމަށް ތައްޔާރުވުމަށް ފަށާފައިވާއިރު، މި ފިލްމަކީ އިންޑިއަން އެއާ ފޯސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމަށް ތައްޔާރުވުމުގެ ގޮތުން ރިތިކް ވަނީ 12 ހަފްތާގެ ފިޒިކަލް ޓްރާންސްފޮމޭޝަން އެއް ފަށައިފައި ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
ބަރުދަން ލުއި ކުރުމުގެ ގޮތުން މަސައްކަތް ފަށާފައިވަނީ ރިތިކް އެންމެ ފަހުން ކުޅުނު ފިލްމު 'ވިކްރަމް ވޭދާ' އަށް ހަށިގަނޑަށް ގެނައި ބަދަލުތަކަށް ފަހުއެވެ. 'ފައިޓާ' އަށް ތައްޔާރުވުމުގެ ގޮތުން އެއާފޯސް ޕައިލެޓެއްގެ ކަންކަން ހުންނަ ގޮތް ދަސްކުރަން ކުރީގެ އާމީ އޮފިސަރެއް ވެސް ސްކްރީން ޕްލޭގެ މަސައްކަތްތަކުގައި ރިތިކްއާއެކު ދަނީ ބައިވެރިވަމުންނެވެ.
އަންނަ އަހަރު ސެޕްޓެމްބަރު 23 ގައި ސިނަމާތަކުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ވީއެފްއެކްސް އާއި ޑްރެމެޓިކް ސީކުއެންސްތައް ހުންނާނެ ކަމަށްވެއެވެ. އަދި، ރިތިކް އާއި ދީޕިކާ ޝޫޓް ކުރާ އެކްޝަން ސީން ތަކަކީ އަސްލާ އެއްގޮތް ރިއަލިސްޓިކް ސީންތަކެއް ކަމަށްވެއެވެ.
'ފައިޓާ' އަކީ، ސިދާތު އާނަންދު އާއެކު ރިތިކް މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ 2014 ގައި ނެރުނު 'ބޭންގް ބޭންގް' ގައި ކޯ ސްޓާ ކެޓްރީނާ ކެއިފް އާއެކުއެވެ. އެއަށްފަހު 2019ގައި ނެރުނު 'ވޯ'ގައިވެސް އެކުގައި ވަނީ މަސައްކަތްކޮށްފައެވެ. މި ފިލްމަކީވެސް 'އެކްޝަން ޕެކްޑް' ފިލްމެއްގެ ގޮތުގައި މަގުބޫލުވި ފިލްމެކެވެ.