އިތުރު ތަމްރީނުތައް ހެދުމަށްޓަކައި ރާއްޖޭގެ ޒުވާން އެތުލީޓް އިބާދުﷲ އާދަމާއި ރާއްޖޭގެ އެންމެ ބާރަށް ދުވާ އަންހެން އެތުލީޓް އާއިޝަތު ހިމްނާ ޖެމެއިކާއަށް ފޮނުވަން ނިންމައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އިތުރު ތަމްރީނުތައް ހެދުމަށް ދެން އެންމެ އަވަހަށް ޖެމެއިކާއަށް ފޮނުވުމަށް ނިންމާފައި ވަނީ އިބާދުﷲ އާއި ހިމްނާ ކަމަށެވެ. މިއީ ރާއްޖޭގެ އެންމެ އުއްމީދީ ދެ އެތްލީޓުންނެވެ.

އިބާދުﷲއަކީ މިހާރު ހަސަން ސާއިދު ނަގާފައި ރާއްޖޭގެ އެންމެ ބާރު ސްޕްރިންޓް ދުވުންތެރިޔާއެވެ. ހިމްނާއަކީ މިވަގުތު ރާއްޖޭގެ 100 އަދި 200 މީޓަރުގެ އިތުރުން 400 މީޓަރުގެ އަންހެން ގައުމީ ރެކޯޑް އޮތް އެތުލީޓެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެ ދެ އެތުލީޓުންގެ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، ހިމްނާ މި ތަމްރީނުތައް ފުރިހަމަ ކުރާނީ އޮލިމްޕިކްސް ކޮމިޓީގެ ހާއްސަ ސްކޮލާޝިޕްގެ ދަށުންނެވެ. އަދި އިބާދުﷲ ތަމްރީނުތައް ފުރިހަމަކުރާނީ ޔޫތު މިނިސްޓްރީގެ ހާއްސަ ސްކޮލާޝިޕްގެ ދަށުންނެވެ.

މި ދެ އެތުލީޓުންގެ ތަމްރީނުތައް ސްޕްރިންޓެކް ޓްރެކް ކްލަބުގައި ފުރިހަމަކުރުމަށް ނިންމާފައިވާއިރު، މި ކްލަބަކީ އެތުލީޓުން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކާމިޔާބު ކްލަބެކެވެ.

އިބާދުﷲ އާއި ހިމްނާ އިތުރު ތަމްރީނުތައް ހޯދުމަށް ޖެމެއިކާއަށް ދިއުމަށް ތައްޔާރުވަމުންދާއިރު، ޖެމެއިކާއަކީ އެތުލީޓުން ތަމްރީނުކުރުމުގެ އިތުރުން މޮޅެތި ދުވުންތެރިން ނިސްބަތްވާ ގައުމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ، ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސައިން ބޯލްޓެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވެސް ވަނީ ޖެމެއިކާއިން ތަމްރީނުތައް ހޯދާފައެވެ. އެ ގައުމުން ހޯދި ތަމްރީނުތަކާއެކު ސާއިދު ވަނީ، ބައިނަލްއަގްވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ.