06 Sep 2022, 00:21
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އަލަށް ހޮވުނު، ލިޒް ޓްރަސްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަހުނިޔާ ދަންނަވައިފިއެވެ.
ބޮޑުވަޒީރު ހޮވުމަށް އިނގިރޭސި ޕާލިމެންޓުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނެގި ވޯޓު އެގައުމުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް ވަނީ ކާމިޔާބު ކުރައްވާފައެވެ.
މި ކާމިޔާބީއާ ގުޅިގެން އެކަމަނާއަށް ތަހުނިޔާ ދެންނެވުމުގެ ގޮތުން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މިދިޔަ ޖުލައި މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީން އާ ލީޑަރަކު ހޮވުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެ ޕާޓީން ވެރިކަމަށް ކުރިމަތިލެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓަކު ހޮވުމަށް އެންމެ ފުރަތަމަ، ޕާލިމެންޓުގައި ތިއްބަވާ ޕާޓީގެ މެންބަރުން ވޯޓު ދެއްވިއެވެ.
އެއަށް ފަހު ދެން ވޯޓަށް ހުޅުވާލީ އިނގިރޭސިވިލާތުގައި ތިބި އެ ޕާޓީގެ އާންމު ރައްޔިތުންނަށެވެ. އެގޮތުން މިދިޔަ މަހުގެ ކުރީކޮޅު، ޕޯސްޓް މެދުވެރިކޮށާއި އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ދިނީ މި އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ކޮންޒަވޭޓިވް ޕާޓިއަށް ރެޖިސްޓާކޮށްފައިވާ މީހުންނަށެވެ.
އެ ޕާޓީގެ މެންބަރުންގެ އަދަދު ގާތްގަނޑަކަށް 200،000އަށް އަރާ އިރު އެއީ ގައުމުގެ އާބާދީގެ އެއް ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ. އެ ވޯޓުގައި ބައިވެރިވުމުގެ މުއްދަތު ހަމަވީ މިދިޔަ ހުކުރު ދުވަހެވެ.
އިނގިރޭސި ޕާލިމެންޓުގައި ނެގި ވޯޓުގެ ނަތީޖާ ހާމަކޮށްފައިވާ އިރު، ޓްރަސް ވަނީ 81،326 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަ ކުރެއްވި ކުރީގެ މާލީ ވަޒީރު ނުވަތަ ޗާންސެލާ އޮފް އެކްސްޗެކާ ރިޝީ ސުނާކްއަށް ލިބުނީ 60،399 ވޯޓެވެ.