06 Sep 2022, 00:00
ވިއްސާރައާއެކު ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރ. އިނގުރައިދޫ ރައްޔިތުންގެ ދީލަތި އެހީއާއެކު 39،000އަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފިއެވެ.
ޕާކިސްތާނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިނގުރައިދޫ ކައުންސިލުން އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު އެރަށުގައި ވަނީ ފަންޑް ރެއިޒިން ހަރަކާތެއް ބާއްވައިފައެވެ.
އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ފާތިމަތު ހިޝްމާ ވިދާޅުވީ، އެ ހަރަކާތުން 40،000އާ ގާތްކުރާ އަދަދަކަށް ރުފިޔާ ލިބިފައިވާކަމަށެވެ.
އަދި އެ ފައިސާ ޕާކިސްތާނާ ހަވާލުކުރަން ނިންމާފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިނގުރައިދޫ ކައުނސިލުން އިސްނަގައިގެން ހިންގި ފަންޑް ރެއިޒިން ހަރަކާތުގެ ތެރެއިން -- ފޮޓޯ/ އިނގުރައިދޫ ކައުންސިލް
"އަޅުގަނޑުމެން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ތްރޫކޮށް ކޮންމެ ފަހަރަކު ވެސް އެކަހަލަ އެހީގެ ގޮތުގައި ހޯދާ ފައިސާ ޖަމާ ކުރަނީ. މިފަހަރު ވެސް ހަމަ އެގޮތަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ޖަމާކުރާ ވިސްނުން މި ހުރީ،" އޭނާ ވިދާޅުވިއެވެ.
އިނގުރައިދޫ ރައްޔިތުންގެ ފަރާތުން އެކަމަށް ލިބުނު އެއްބާރުލުން ކައުންސިލްގެ ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

އިނގުރައިދޫ ކައުނސިލުން އިސްނަގައިގެން ހިންގި ފަންޑް ރެއިޒިން ހަރަކާތުގެ ތެރެއިން -- ފޮޓޯ/ އިނގުރައިދޫ ކައުންސިލް
"މި ދުވަސްކޮޅު މީހުން މަދުވެފަ މީހުންގެ އަތްމަތި ވަރަށް ދަތިކޮށް އުޅެނީ. އެކަމުވެސް 40،000އާ ގާތްކުރާ އަދަދަކަށް އެހީ ލިބުނީމަ އެއީ ވަރަށް ބޮޑު ސަޕޯޓެއްތާ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ނަމޫނާ ދައްކައްކައި އިމނގުރައިދޫ ރައްޔިތުން އެހީވަމުންދާތީ ކައުންސިލުން ވަނީ އެރަށު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
"ރަށު މީހަކަށް ކަމެއް ދިމާވިޔަސް، ކައިރި ރަށެއްގެ މީހަކަށް ކަމެއް ދިމާވިޔަސް ހަމަ ވަރަށް އެހީތެރިވާ ބައެއް މިރަށު ރައްޔިތުންނަކީ،" ހިޝްމާ ވިދާޅުވިއެވެ.

އިނގުރައިދޫ ކައުނސިލުން އިސްނަގައިގެން ހިންގި ފަންޑް ރެއިޒިން ހަރަކާތުގެ ތެރެއިން -- ފޮޓޯ/ އިނގުރައިދޫ ކައުންސިލް
ޕާކިސްތާނަށް އާދަޔާ ޚިލާފަށް ވިއްސާރަ ކުރަމުންދާތާ ތިންމަހަށްވުރެ ގިނަދުވަސް ވެފައިވާއިރު ޕާކިސްތާނުގެ ތިން ބައިކުޅަ އެއް ބައި އޮތީ ފެނު އަޑީގައެވެ. އެއީ ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުންނެވެ.
މި ވިއްސާރައިގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެ 33 މިލިޔަން މީހުންނަށް މާއްދީ ގެއްލުންތައް ލިބިފައިވާކަމަށް އެގައުމުން ވަނީ ބުނެފައެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގެ ގެއްލުން އެންމެ ބޮޑަށް ލިބިފައިވަނީ އެގައުމުގެ ދެކުނުގެ ޕްރޮވިންސް ތަކަށެވެ. ދެކުނުގެ ޕްރޮވިންސްތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސިންދު ޕްރޮވިންސްގެ ސަރަހައްދުތަކަށެވެ.
އެހެން އަހަރުތަކުގެ ވިއްސާރަ މޫސުމުގައި ސިންދު ޕުރޮވިންސަށް ވާރޭވެހޭ މިންވަރަށް ވުރެ އަށް ގުނަ އިތުރަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހިފައިވާކަން މޫސުމާބެހޭ ޕާކިސްތާނުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ޕާކިސްތާނަށް ކުރަމުންދާ އާދަޔާ ޚިލާފު ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެގައުމުގެ އެތައް ސަރަހައްދެއްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.