31 Mar 2012, 14:02
ކުރިއަށް އޮތް 2013 ވަނައަހަރުގެ ރިޔާސީ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން މެޝިން ބޭނުން ނުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.
އިލެކްޝަންޝް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުރިން އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބަހައްޓާ ވާހަކަ ދެކުވުނީ އިންޑިޔާއިން ވޯޓިން ސިސްޓަމްތަކެއް ހަދިޔާކުރަން ނިންމާފައިވާތީ ކަމަށާއި ނަމަވެސް އިންޑިޔާއިން ހަދިޔާކުރަން ކަނޑައެޅި ވޯޓިން ސިސްޓަމްތަކަކީ ރާއްޖޭގައި ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ސިސްޓަމްތަކެއްކަމަށް އިލެކްޝަނަށް ނުފެންނާތީ ބޭނުން ނުކުރަން ނިންމާފައިވާ ކަމަށެވެ.
ފުއާދު ވިދާޅުވީ އިންޑިޔާ ސަރުކާރުން 500 އެއްހާ ވޯޓިން މެޝިން ހަދިޔާ ކުރަން ހުށައެޅި ނަމަވެސް އިންޑިޔާގައި ބޭނުންކުރާ ސިސްޓަމަކީ ވޯޓްލާ ނިމުމުން ވޯޓްލީ ގޮތުގެ އެއްވެސް ތަފްސީލެއް ލިބޭ މެޝިންތަކަށް ނުވާތީ އެފަދަ މެޝިންތަކެއް ރާއްޖޭގައި ބޭނުންނުކުރުމަށް ނިންމީ ކަމަށެވެ.
"އިންޑިޔާގައި އޭރު ބޭނުން ކުރަމުންދާ ނިޒާމަކީ [ވޯޓިން ސިސްޓަމަކީ] ދިވެހިންނަށް ގަބޫލްކުރެވޭ ނިޒާމެއް ކަމަށް ގަބޫލެއް ނުކުރެވޭ. އެ މެޝިންތަކުން ވޯޓްލީމާ އޭގޭ ތަފްސީލްތަކެއް ލިބޭކަށް ނުހުރޭ ވޯޓްލީކަމުގެ ހެއްކެއް ލިޔުމެއް ރިސިޓެއް ލިބޭ ގޮތަކަށް ނޫން މެޝިންތައް ހުންނަނީއަކީ. ހަމައެކަނި އެމިޝަނުން ވޯޓްލީމަ އޭގައި ހުންނަ އިލެކްޓްރޯނިކް ޑޭޓާއަކަށް ރިކޯޑް ކުރެވެނީ ކަރުދާހުގައި ލިޔެވިގެން އެއްވެސް އެއްޗެއް ލިބޭ ގޮތަކަށް ނޫން ހުރީއަކީ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުތަކާ ގުޅޭ ގާނޫނު ތަކަށް އިސްލާހު ނުގެނެސް އެފަދަ ސިސްޓަމެއް ބޭނުން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި ރިޔާސީ އިންތިހާބު ކަހަލަ ބޮޑު އިންތިހާބެއްގައި ވޯޓިން ސިސްޓަމެއް ބޭނުންކުރުމުގެ ކުރިން ބައި އިލެކްޝަން ފަދަ އިލެކްޝަނެއްގައި އެފަދަ ސިސްޓަމެއް ބޭނުން ކޮށްގެން ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
"އިންތިހާބުތަކުގެ ގާނޫނަށް ބަދަލު ނައިސް އެފަދަ ކަމެއް ކުރުން އެއީ ރަނގަޅު ކަމެއްކަމަށް ގަބޫލެއް ނުކުރަން. މިވަގުތު މިވަނީ އެކަން މަޑުޖެހިފައި. އަދި އަމުދުން ބޮޑު އިލެކްޝަނަކަށް ދާކަށް ބޭނުމެއްނުވޭ ބައި އިލެކްޝަން ތަކެއްގައި ވޯޓިން ސިސްޓަމް ބޭނުން ނުކުރެވި އެއް،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދަޅުވީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ކުރާނަމަ އިންތިހާބުތަކުގައި ހަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށާއި ވޯޓިން ސިސްޓަމް ބޭނުންވާ އެއްސަބަބަކީ ހަރަދު ކުޑަކުރުމުގެ ގޮތުންކަމަށާއި އަދި ހަމަ އެފަދަ ސިސްޓަމެއް ބޭނުންކުރުމުގެކުރިން ރައްޔިތުންގެ އިތުބާރު ވެސް ހޯދަން ޖެހޭ ކަމަށެވެ.
އަންނަ 2013 ވަނއަހަރުގެ ރިޔާސީ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބަހައްޓައި އެސިސްޓަމްތައް ބޭނުންކޮށްގެން ވޯޓުލުމަށް އެ ކޮމިޝަނުގެ މެންބަރުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފާސްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައިވަނީ އިލެކްޓްރޯނިކް ވޯޓިން މެޝިން ބަހައްޓަން ނިންމާފައިވަނީ އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި ވޯޓިން މެޝިން ބޭނުންކޮށްގެން ވޯޓްލުން ކުރިއަށް ގެންދިއުމަށް ކޮމިޝަނުގެ މެންބަރުން އިއްތިފާގުން ފާސްކުރުމާއި ގުޅިގެން ކަމަށެވެ.