05 Sep 2022, 21:38
ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އާލާ ޓޮމްލަނޮވިޗް ހޯދައިފިއެވެ.
މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުގެ ޖާގައެއް އޮސްޓްރޭލިއާގެ ޓޮމްލަނޮވިޗް ހޯދާފައިމިވަނީ، ހަތަރުވަނަ ބުރުގައި ރަޝިއާގެ ސަމްސޮނޯވާ އާ ދެކޮޅަށް ކުޅުނުމެޗު ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ޓޮމްލަނޮވިޗް ގެންދިޔައީ 6-7 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓް ގެންގޮސްފައިވަނީ، 1-6 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޓޮމްލަނޮވިޗް ބުނީ، ނިމިގެންދިޔައީ އުނދަގޫ މެޗެއްކަމަށާއި، ބައެއް ވަގުތުތަކުގައި ނޭވާ ހިފަހައްޓާލަން ޖެހުނުކަމަށެވެ.
"ސަމްސޮނޯވާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިމެޗްގައި އޭނާގެ ފަރާތުން އުނދަގޫތަކާ ކުރިމަތިވި. އެކަން އެނގޭނެ މެޗުގެ ފުރަތަމަ ސެޓުންވެސް،" ޓޮމްލަނޮވިޗް ބުންޏެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުން އާލާ ޓޮމްލަނޮވިޗް ޖާގަ ހޯދާފައިވަނީ ޓެނިސް ލެޖެންޑް އެމެރިކާގެ ސެރީނާ ވިލިއަމްސް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ޓޮމްލަނޮވިޗް ބައްދަލުކުރާނީ، ހަތަރުވަނަ ބުރުގައި ތޫނިސްގެ އޮންސް ޖަބީ އާއި، ރަޝިއާގެ ވެރޮނީކާ ކުދަމެދޮވާ އާ ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.