05 Sep 2022, 21:11
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިރޭ ބުނެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. އެކަމަކު ބުރާސްފަތި ދުވަހުން ފަށައިގެން ވިއްސާރަ އެއްކޮށް އަލިވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރެއަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ވައި އުޅޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާއިރު، މި ސަރަހައްދުގެ ކަނޑުތައް ވެސް އުޅޭނީ ގަދަކޮށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އެއްވެސް ރަށަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފައެއް ނުކުރެވެ. ބުރާސްފަތިން ފެށިގެން މޫސުން ރަނގަޅުވިޔަސް އޭގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަކޮށް އުޅޭނީ،" އޮފިޝަލް ވިދާޅުވިއެވެ.
މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ވެސް ގަދަ ވާނެތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓުން އިލްތިމާސް ކުރެއެވެ.