31 Mar 2012, 13:58
ދުނިޔޭގައި މި ރޭ ފާހަގަކުރާ އާތު އަވާގައި ރާއްޖެ އިން ބައިވެރިވުމުގެ ގޮތުން ހިންގާ ހަރާކާތްތަކުގެ ތެރެއިން އެއް ގަޑިއިރަށް "މާލޭގެ މޫނުމަތި" އަނދިރިކޮށްލަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީ އިން އިއްޔެ ބުނީ އެމްޓީސީސީ، ސޯމިލުން ފެށިގެން ވެސްޓް ޕާކާ ހަމަޔަށް، މިރޭ 8:30 އިން ފެށިގެން 9:30 އަށް، ބޮޑުތަކުރުފާނު މަގުން އެއްކޮށް ކަރަންޓް ކަނޑާލައި އަނދިރިކޮށްލާނެ ކަމަށެވެ.
ދުނިޔޭގައި ހިންގާ ތިމާވެށީގެ ޙަރަކާތެއްގެ ގޮތުން ފާހަގަކުރާ އާތު އަވާގައި ރާއްޖެ އިން ބައިވެރިވުމުގެ ގޮތުން މާލޭގެ މޫނު މަތިން ކަރަންޓް ކަނޑާލާއިރު ޖުމްހޫރީމައިދާނުގައި ހުންނަ ބޮޑު ދިދައަށް އެޅިފައިހުންނަ އަލި ފިޔަވައި އެ ސަރަހައްދުގައި ހުރި އެހެން ހުރިހާ ދިއްލުންތަކެއް ނިއްވާލާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އިން ބުންޏެވެ.
އަދި އާތު އަވާ ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ޒުވާނުންގެ މަރުކަޒުގެ ގޯތީގައި މިރޭ ބޮޑުބެރު ޝޯއެއް ވެސް ބާއްވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އަދި އެ މިނިސްޓްރީ އިން ބުނީ މިރޭ 8:00 އިން 12:00 އަށް އެ ޝޯ ކުރިއަށްދާ ވަގުތު މާލޭގައި ކަރުންޓު ބޭނުންކުރެވެމުންދާ މިންވަރު މަދުކުރެވިންދާ ގޮތުގެ މައުލޫމާތު އެކި ހިސާބުން އާންމުންނާ ހިއްސާކުރެވޭނެ ކަމަށެވެ.
މިރޭ 8:30 އިން ފެށިގެން 9:30 އާ ހަމައަށް މާލޭގައި ކަރަންޓު ބޭނުން ކުރަމުން އަންނަ ގޮތުގެ ތަފްސީލު ސްޓެލްކޯ ވެބްސައިޓް އާންމު ކުރާނެ ކަމަށް އެންޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.
އާތު އަވާގައި އެއް ގަޑިއިރަށް މިރޭ ބޮކިތައް ނިވާލުމަށް ސަމާލުވުމަށާއި ވެށީގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ހަނދުމަށްކޮށް ދިނުމުގެ ގޮތުން މިއަދު ހަވީރު 4:00 ގައި ހިނގާލުމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އާތު އަވާއަކީ ޑަބްލިޔު ޑަބްލިޔުއެފް އާއި ލިއޯ ބަނެޓްގެ ބައިވެރިވެގެން ދުނިޔޭގައި ހިންގާ ތިމާވެށީގެ ޙަރަކާތެކެވެ.
އާތު އަވާ ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހެވެ. މިގޮތުން މި އަހަރުގެ އާތު އަވާ ފާހަގަކުރެވޭނެ ވަގުތަކީ 31 މާޗް 2012 ވާ ހޮނިހިރު ދުވަހުގެ ރޭ، މިރޭ 8:30 އިން 9:30 އަށެވެ.