26 Jul 2010, 14:03
19:00
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްކަންދަރު ބިލްޑިންގ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ހުޅުއްވައިދެއްވައިފި އެވެ.
މިއަދު މެންދުރުފަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި، އިސްކަންދަރު ބިލްޑިންގ ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތަކީ، މި ޤައުމުގައި ރައްޔިތުންނަށް ދެވޭ އެންމެ މުހިންމު އެއް ޚިދުމަތްކަން ފާހަގަކުރެއްވި އެވެ.
ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ، މުޖްތަމަޢުގައި ޤާނޫނުގެ ބާރު ދަމަހައްޓައި، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހިތްހަމަޖެހުމާ އުފާ ބިނާވެފައިވަނީ މުޖްތަމަޢުގައި އޮންނަ އިންސާފުގެ ޔަޤީން ކަމުގެ މައްޗަށް ކަމަށް ވިދާޅުވެ، އެ ޔަޤީންކަން ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ، ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ފުލުހުންކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ފުލުހުންނަކީ މިފަދަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށްވާއިރު، ޢާންމުންގެ ހިތްތަކުގައި ފުލުހުންގެ ޚިދުމަތާމެދު އޮންނަ އިތުބާރާއި، ފުލުހުންނާމެދު ދެކޭގޮތުގެ މުހިންމު ކަމުގެ މައްޗަށް ނައިބް ރައީސް އަލިއަޅުއްވާލެއްވި އެވެ. އަދި ފުލުހުންގެ އިތުބާރު ހިފެހެއްޓޭނީ، ފުލުހުންނަކީ އިންސާފުވެރި އަދި ޤާނޫނުގެ ބާރު ދަމަހަށްޓާ ބައެއްކަމުގެ ޔަޤީންކަން ފުރިހަމައަށް ލިބިގެން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އިސްކަންދަރު ކޮށީގައި ބިނާކުރެވިފައިވާ އިސްކަންދަރު ބިލްޑިންގުގެ ސަބަބުން، ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާ އަކަށް ބަދަލުވެގެން ދިއުމުން ކުރިމަތިވި ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، ފުލުހުންގެ ޚިދުމަތަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙް ވިދާޅުވި އެވެ.
މި ބިލްޑިންގްގައި ފޮރެންސިކް ލެބޯރެޓަރީއާއި ޓެކްނޮލޮޖީގެ އެހީގައި ކުށް ކުރާ މީހުން ދެނެގަންނާނެ ނިޒާމްތައް ޤާއިމް ކުރެވިފައިވެ އެވެ.