އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވި އާމިނަތުދިޔެ (އައިމިންދައްތަ) އެ ސްކޫލުގައި އަދާކުރި މަސައްކަތު މީހާގެ ވަޒީފާ އަނބުރާ ދިނުމަށާއި ސަސްޕެންޑްކޮށްފައި ހުރި މުއްދަތަށްވާ މުސާރަ އާއި އިނާޔަތް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.

އެ މައްސަލައިގައި އައިމިންދައްތަ ހައްޔަރުކުރީ މި އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު އައިމިންދައްތަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު, އެ ކޯޓުން ވަނީ އެ އަމުރަށް ތާއިދުކޮށްފައެވެ.

އާމިނަތުދިޔެ ބަންދުން ދޫކޮށްލީ 22 ދުވަސް ފަހުން، ދައުވާކުރަން އެކަށޭނަ މިންވަރަށް ހެކި ނެތް ކަމަށް ބުނެއެވެ.

އާމިނަތުދިޔެއަށް ކުރެވުނު ތުހުމަތާ އެކު އޭނާ އަދާކުރަމުންދިޔަ ވާޒީފާއިން ވަނީ ސަސްޕެންޑްކޮށްފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އެ މައްސަލަ އިސްތިއުނާފްކުރުމުން އިއްޔެ ވަނީ މައްސަލަ ނިންމައި އާމިނަތުދިޔެއަށް އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަމުރުކޮށްފައެވެ.

އައިމިން ދައްތަ ވަޒީފާއިން ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ނިންމައި ވަޒީފާއަށް ނެރެ، އެ މުއްދަތުގައި ދޭންޖެހޭ މުސާރަ އާއި އިނާޔަތް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ދާދި ފަހުން ވަނީ ޝަރަފުއްދީން ސްކޫލަށް އަންގާފައެވެ.

ނަމަވެސް އެ އެންގުމަށް ސްކޫލުން އަމަލުކޮށްފައިނުވާ ކަމަށް މީގެ ކުރިން އައިމިންދައްތަގެ އާއިލާއިން ވަނީ ބުނެފައެވެ.

އޭނާ ހައްޔަރުކުުރުމާ ގުޅިގެން އައްޑޫގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވާފައެވެ. އާމިންދައްތަގެ އާއިލާގެ މީހުން ބުނާ ގޮތުގައި އެ ކުއްޖާއަށް ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ވަނީ ތަހުގީގަށް ކިޔައިދީފައެވެ.

ނަމަވެސް، ފުލުހުން ބުނީ އެ މައްސަލައިގައި އިތުރު މީހަކަށް ތުހުމަތުކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށެވެ.