ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގެ ރަމްޒެއްގެ ގޮތުން މުޅި ދުނިޔޭގައި ކޮންމެ އަހަރަކު ފާހަގަކުރާ "އާތު އަވާ"ގައި އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ބައިވެރިވާނެ ކަމަށް އެއާޕޯޓް ހިންގާ ޖީއެމްއާރު ގްރޫޕުން ބުނެފި އެވެ.

ޖީއެމްއާރުން މިއަދު ބުނީ އާތުއަވާގައި ބައިވެރިވުމުގެ ގޮތުން މިރޭ 8.30 އިން 9.30 އަށް އެއާޕޯޓުގައި ކޮންމެހެން ނުދިއްލާ ނުވާ އަލިތައް ފިޔަވައި އެހެން އަލިތައް ނިއްވާލާނެ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވުމަށް ޖީއެމްއާރާ ގުޅިގެން ]އެއާޕޯޓްގައި[ މަސައްކަތް ކުރާ އެހެން ފަރާތްތަކުގައި ވެސް އެދިފައިވާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އާތު އަވާއަކީ ދުނިޔޭގެ އެތައް މިލިޔަން ބަޔަކާއި ސަރުކާރުތަކާއި ކުންފުނިތައް ގުޅިގެން ބާއްވާ ތިމާވެށީގެ ބޮޑު ހަރަކާތެކެވެ. އެ ހަރަކާތުގައި މިދިޔަ އަހަރު ވެސް 5200 ސިޓީ އާއި ޓައުންގައި އަލިތައް ނިއްވާލާފައިވެ އެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އާތު އަވާގައި ރާއްޖެ އިން ބައިވެރިވާން ފެށީ 2009 ވަނަ އަހަރު އެވެ.