05 Sep 2022, 10:12
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކޮށްފައިވާ އަޑުއެހުން ކޯޓު ރޫމުގެ ހާލަތު ގޯސްވުމުން ކެންސަލް ކޮށްފިއެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
މިއަދު 9:30 ގައި ފެށުމަށް ހަމަޖެހިފައިވާ އަޑުއެހުން ކެންސަލް ކޮށްފައިވާކަން ހާމަކޮށް ކްރިމިނަލް ކޯޓުން ބުނީ, ޝަރީޢަތުގެ މާލަމަށް ފެނުގެ އަސަރުކޮށް، މާލަމުގެ އެކި ހިސާބުތަކުން މިހާރުވެސް ފެން ފައިބަމުންދާ ކަމަށެވެ.
"އަޑުއެހުން ކުރިއަށް ގެންދެވެން ނެތުމުން މިއަދުގެ އަޑުއެހުން ވަނީ ކެންސަލް ކުރެވިފައި," ކްރިމިނަލް ކޯޓުން ބުންޏެވެ.
ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގެ ގްރައުންޑް ފްލޯގައި ހުންނަ އެންމެ ބޮޑު މާލަމުގައެވެ. އެ މައްސަލައިގައި ގިނަ ވަކީލުންތަކެއް ހިމެނެތީ އެހެން ކޯޓު ރޫމެއްގައި އަޑުއެހުން ކުރިއަކަށް ނުގެންދެވެއެވެ.
ހަތަރު ބުރީގެ ކްރިމިނަލް ކޯޓު ހުންނަ އިމާރާތް ބާވެ އެތަނުގެ ފާރުތަކުގައި ރެނދުލައި ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށް ވެސް ވާރޭ ވެހޭ ކަމުގެ ޝަކުވާ ވަނީ މީގެ ކުރިން އަޑުއިވިފައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގާޒީ ޗުއްޓީއަކަށް ވަޑައިގެންނެވުމުން އެއް އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔާތު ހިމެނެއެވެ. އެ ދެ ބޭފުޅުންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ދިފާއުން މީގެ ކުރިން ހުށަހެޅުމުން ގާޒީ ވަނީ އެ ހުށަހެޅުން ބަލައިގަނެފައެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.