31 Mar 2012, 13:20
އިތުރު ދެ މިނިސްޓްރީއެއް އުފައްދާ ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ބަދަލުގެންނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމަވާ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޮފީސްތަކުގެ އޮނިގަނޑަށް ރައީސް ގެންނަވާ ބަދަލުގެ ދަށުން ހިއުމަން ރައިޓްސް އެންޑް ޖެންޑާގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވައި އަދި އެންވައިރަންމެންޓް އެންޑް އެނާޖީގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ.
"އޭރުން މިހާރު ބައެއް މިނިސްޓްރީތަކުގެ ދަށުން ކުރާ މަސައްކަތްތައް ހަމަ އެކަނި މި ވަކި ވަކި މިނިސްޓްރީތަކަށް ބަދަލުވާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީން ކުރަމުން އައި ޖެންޑާ އަދި ފެމިލީގެ މަސައްކަތް ބަދަލުވާނީ އަލަށް އުފައްދާ ހިއުމަންރައިޓްސް އެންޑް ޖެންޑާ މިނިސްޓްރީ އަށް ކަމަށާއި އޭރުން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ނަން ބަދަލުވާނީ މިނިސްޓްރީ އޮފް ހެލްތަށް ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓުން ކުރާ ތިމާވެއްޓާއި ހަކަތައާބެހޭ މަސައްކަތްތައް އަލަށް އުފައްދާ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީގެ ދަށަށް ގެންދާއިރު މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރާނެ ކަމަށެވެ.
ސަރުކާރުން މި ބަދަލު ގެންނައިރު ޑިޒާސްޓާ މެނޭޖްމަންޓުން ކުރަމުން އަންނަ މަސައްކަތްތައް އެމްއެންޑީއެފްގެ ދަށައް ބަދަލުކުރުމަށާއި އިމިގުރޭޝަން ޑިޕާޓްމަންޓުގެ މަސައްކަތްތައް ލޭބާ މިނިސްޓްރީއަށް ބަދަލުކުރަން މިހާރު ވެސް ވަނީ ވަޒީރުންގެ މަޖިލީހުން ނިންމާފަ އެވެ.
"އެ ބަދަލުތަށް ގެންނަން މަޖިލީހަށް ރައީސް ވަނީ މިހާރު ފޮނުއްވާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އަންނަ ހޯމަދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ދެވަނަ ޖަލްސާއަށް ވަނީ ރައީސް ޑރ. ވަހީދު ހުށަހަޅުއްވާފައިވާ ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑު އަލަށް ހަމަޖައްސާފައިވާ ގޮތްތަކަށް ބަދަލު ގެންނެވުމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ.