ވޮޝިންޓަން (5 ސެޕްޓެމްބަރު 2022) : އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާކުރުން ހައްދުފަހަނައަޅައި ދާންފަށާފައިވާ ކަމަށް ބުނެ ޕެންޓަގަންގެ ރިޕޯޓެއްގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާކުރުން އޮތް މިންވަރު ދެނެގަތުމަށް ކުރި ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ނެރުނު ރިޕޯޓެއްގައިވާގޮތުން ޖިންސީ ގޯނާގެ މައްސަލަ ކުރިމަތިވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ.

އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުން ފިރިހެނުންނަށް ޖިންސީ ގޯނާ ކުރިމަތިވާއިރު ސިފައިންގެ ތެރޭގައި ހިމެނޭ އެއްޖިންސުން ގުޅުން ހިންގާ އަންހެނުންގެ ފަރާތުން އަންހެނުންނަށް ވެސް ޖިންސީގޯނާ ފޯރަމުން ދެއެވެ. މަދުން ނަމަވެސް އަންހެނުންގެ ފަރާތުން ފިރިހެނުންނަށްވެސް ޖިންސީ ގޯނާ ފޯރައެވެ. ގިނައީ ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ ހާލަތްތަކެވެ.

މި ރިޕޯޓް ބުނާގޮތުން 2021 ވަނަ އަހަރު އެމެރިކާ ސިފައިންގެ ތެރޭގައިވަނީ ޖިންސީ ގޯނާގެ މައްސަލަ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރުވެފައެވެ. އަލަށް ސިފައިންގެ ތެރެއަށް ވަންނަ އަންހެން ސިފައިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ 8 ޕަސެންޓް އިތުރުވެފައިވާއިރު އަލަށް ސިފައިންގެ ތެރެއަށް ވަންނަ ފިރިހެން ސިފައިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ 1.5 ޕަސެންޓަށް އިތުރުވެފައިވެއެވެ. އަދި އެނޫން ސިފައިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަވަނީ 4.5 ޕަސެންޓް އިތުރުވެފައެވެ.

އެމެރިކާ ސިފައިންނަށް ކިޔަވައިދޭ ކްލާހެއް

މި ރިޕޯޓް ބުނާގޮތުން ޕެންޓަގަން އިން އެންމެ ކަންބޮޑުވާކަމަކީ އެމެރިކާ ސިފައިންގެ މައްސަލަތައް ބަލާ އަސްކަރީ ކޯޓުތަކަށް މަތީ ރޭންކްތަކުގެ އޮފިސަރުންގެ ބާރާއި ނުފޫޒު ހިނގާ މައްސަލައެވެ.

މިކަމުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާއަކަށްވާ ފަރާތަށް ވަރަށް ގިނަ ހާލަތްތަކުގައި އަސްކަރީ ކޯޓުތަކުން އިންސާފު ނުލިބޭކަމަށްވެއެވެ. ނަތީޖާއަކަށްވަނީ ޖިންސީ ގޯނާގެ މައްސަލަ ކުރިމަތިވާ ފަރާތްތަކުން އެކަން ރިޕޯޓް ކުރަން ފަސްޖެހުމެވެ. މިގޮތުން ޖިންސީ ގޯނާގެ މައްސަލަ 2021 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް ދަށަށް ދިޔަކަން ޕެންޓަގަންގެ ސާވޭ ނުވަތަ ދިރާސާއިން ހާމަވެފައިވެއެވެ.

އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާކުރާ މައްސަލަ ރަސްމީ ސިފައެއްގައި ރިޕޯޓްކުރެވޭނެ މެކޭނިޒަމެއް އުފައްދާފައި ވަނީ 2004 ވަނަ އަހަރުއެވެ.

ޕެންޓަގަންގެ ރިޕޯޓް ބުނާގޮތުން ޖިންސީ ގޯނާގެ މައްސަލަ އެންމެ ބޮޑީ އެމެރިކާ ލަޝްކަރުތަކުގައި ހިމެނޭ އެއްގަމު ސިފައިންގެ ތެރޭގައެވެ. ދެން ކަނޑުގެ ސިފައިންގެ ތެރޭގައެވެ. މިމައްސަލަ އެންމެ ކުޑައީ މެރީންޒް ސިފައިންގެ ތެރޭގައާއި ވައިގެ ސިފައިންގެ ތެރޭގައެވެ.

ޕެންޓަގަންގެ ރިޕޯޓް ބުނާގޮތުން 2021 ވަނަ އަހަރު ޖިންސީ ގޯނާގެ ޝިކާރައަކަށްވިކަމަށް ރިޕޯޓް ކުރި ސިފައިންގެ އަދަދު 36000 އަރައެވެ. އަދި ޖިންސީ ގޯނާ ކުރިނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ރިޕޯޓް ނުކުރާ ހާލަތްތަކުގެ އަދަދު މީގެ ދެގުނަ ނުވަތަ ތިން ގުނަ އިތުރުވާނެކަމަށް ލަފާކޮށްފައިވެއެވެ.

އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާކުރުން އިތުރުވެ ހައްދުފަހަޅައި ދާންފަށާފައިވުމަކީ އެމެރިކާ ސިފައިންގެ އަސްކަރީ ގާބިލްކަމަށް ހުރަސްއެޅޭނެ ކަމެއްކަމަށާއި މިއީ ސިފައިންގެ މައުނަވީ ހާލަތާއި ނަފްސާނީ ހާލަތު ދަށަށް ދާނެ ކަމެއްކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.