05 Sep 2022, 09:20
ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓްގެ ކުރީގެ ވީޑިއޯ އެއް އިންސްޓަގްރާމްގައި ހިއްސާކޮށް، މަހޭޝްގެ އަސްލު ނަން ފޮރުވަނީ ކީއްވެތޯ ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނައުޓް ސުވާލުކޮށްފިއެވެ.
މަހޭޝް ބަޓް 2006 ވަނަ އަހަރު ނެރުނު 'ގެންގްސްޓާ' އިން ބޮލީވުޑަށް ނިކުތް ކަންގަނާ ރަނައުޓްގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ މަހޭޝްބަޓްގެ ކުރީގެ ވީޑިއޯތަކެއް ހިއްސާކޮށްފައެވެ. އާދިއްތަ ދުވަހު ހިއްސާކުރި އެ ވީޑިއޯތަކާއެކު ކަންގަނާ ބުނެފައިވަނީ އޭނާއަށް އެނގިފައިވާ ގޮތުގައި މަހޭޝް ބަޓްގެ އަސްލު ނަމަކީ އަސްލަމް ކަމަށެވެ. އަދި މީހަކާ އިންނަންވެގެން ދީން ބަދަލު ކުރި ކަމުގައި ވީނަމަވެސް، އަސްލު ނަން ފޮރުވަނީ ކީއްވެގެންތޯ އޭނާ ސުވާލުކޮށްފައިވެއެވެ.
"އަހަންނަށް އެނގިފައިވާ ގޮތުގައި އޭނާ (މަހޭޝް)ގެ އަސްލު ނަމަކީ އަސްލަމް. ނަން ބަދަލު ކުރީ ދެވަނަ ކައިވެންޏެއް ކުރަންވެގެން. އެއީ ރީތި ނަމެއް. ފޮރުވަނީ ކީއްވެ؟" ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވެއެވެ.
އިތުރަށް ބުނެފައިވަނީ، މަހޭޝް ބަޓް ދީން ބަދަލު ކުރި ކަމުގައިވިޔަސް އަސްލު ނަން ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.
ފިލްމު 'ދޯކާ' އަށް ނޫނެކޭ ބުނުމުން، މަހޭޝް ބަޓް ކަންގަނާ އަށް ފުރައްސާރަ ކޮށްފައިވާ ކަމަށްވެސް 2020 ވަނަ އަހަރު އެ އެކްޓަރު ބުނެފައިވެއެވެ. މި ފިލްމަކީ މަހޭޝް ބަޓްގެ ދަރި އެކްޓާ – ޑައިރެކްޓަރ ޕޫޖާ ބަޓްގެ ފިލްމެކެވެ. އަދި އެއަށްފަހު، މި އަހަރު ކުރީކޮޅު ނެރުނު ފިލްމު 'ގަންގޫ ބާއީ ކަތިއާވާޑީ' އަށް މަހޭޝް ބަޓްގެ ދަރި - އާލިއާ ބަޓް ކާސްޓު ކުރުމާ ގުޅިގެންވެސް ބަހުގެ ހަމަލާތަކެއް ދިނެވެ. އެ ފިލްމަށް ކަންގަނާ ބުނީ 'ގޯސް ކާސްޓިން' އެއް ކަމަށެވެ.
ކަންގަނާ އަކީ ބޮލީވުޑްގައި މި ފަހުން، އެކި ފިލްމީ ތަރިންނާއި ޑައިރެކްޓަރުންނަށް ބޮޑެތި ބަސް ބުނާ މީހެއްގެ ގޮތުގައި ފާހަގަ ކުރެވޭ ތަރިއެކެވެ.