05 Sep 2022, 09:11
ހިންދީ ސިނަމާގެ ބޮކްސް އޮފީސް ޗާޓުގެ އެންމެ ކުރީގައި އުޅޭ އެއް ތަރި، ކާތިކް އާރްޔަން އަނޫރާގް ބާސޫ ޑައިރެކްޓުކުރާ އާ ފިލްމަށް ކާސްޓުކޮށްފިއެވެ.
ބޮލީވުޑް ހަބަރުތައް ބުނާގޮތުން، މި ފިލްމަކީ ހިންދީ ސިނަމާ ނުދެކޭފަދަ ލޯތްބެއް ދައްކުވައިދޭނެ ފިލްމެކެވެ. އަދި އަނޫރާގްގެ މި ފިލްމުގެ ސަބަބުން ކާތިކް މިހާތަނަށް ކުޅެފައިވާ އެއްވެސް ފިލްމެއްގައި ނުފެންނަ ހުނަރެއް ސިނަމާއިން ފެންނާނެއެވެ.
މި ފިލްމު ސިފަކޮށްފައިވަނީ 'ވަން އޮފް އަ ކައިންޑް – ޔުނީކް ރޮމޭންޓިކް' ފިލްމެއްގެ ގޮތުގައެވެ.
ހަބަރުތައް ބުނާގޮތުން މި ފިލްމަކީ ކާތިކް މިހާތަނަށް ކުޅެފައިވާ ފިލްމުތަކާ ތަފާތު ވާނެ ފިލްމެކެވެ.
މި އަހަރު ނެރުނު 'ބޫލް ބުލައްޔާ 2' ގެ ކާމިޔާބާއެކު އެ އެކްޓަރު ދަނީ މިހާރުވެސް އިތުރު ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެކްތާ ކަޕޫރުގެ 'ފްރެޑީ' އާއި ރޯހިތު ދަވާންގެ އެކްޝަން ޑްރާމާގައި ކްރިތީ ސެނޮން އާއެކު މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހަންސަލް މެހެތާގެ 'ކެޕްޓަން އިންޑިއާ' އާއި ކަބީރް ޚާން އާއި ސާޖިދު ނާޑިއާޑްވާލާގެ ފިލްމެއްގެ މަސައްކަތްވެސް ކާތިކް އާރްޔަންގެ މިހާރުގެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެއެވެ.