ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް 'ދަ ކްރައުން'ގެ ހަވަނަ ސީޒަންގައި ފެންނަ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑިލްޓަންގެ ރޯލު ކުޅޭނެ ތަރިން ކާސްޓްކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބެތުގެ ހަޔާތުގެ މައްޗަށްް ބިނާކޮށް އެންޑްރިއު އީޓަން ޕްރޮޑިއުސްކޮށް އުފައްދާފައިވާ މި ސީރީޒްގައި ދައްކުވައިދެނީ ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މަންޒަރުތަކެވެ. ކްރައުންގެ ހަވަނަ ސީޒަންގައި ފެންނާނީ އެލިޒަބެތުގެ ރަސްކަމުގެ 2000ގެ ކުރީކޮޅާއި ޕްރިންސަސް އޮފް ވޭލްސް ޑަޔާނާގެ މަރުގެ ހާދިސާއާއި އެއަށްފަހު ހިނގި ކަންތައްތަކެވެ.

ޚަބަރުތައް ބުނާގޮތުން މި ސީޒަންގައި ވަލީއަހުދު ޕްރިންސް ޗާލްސްއާއި ޕްރިންސަސް ޑަޔާނާގެ ފުރަތަމަ ދަރިކަލުން ޕްރިންސް ވިލިއަމްގެ ކުޑައިރުގެ ރޯލު ކުޅޭނީ ރުފުސް ކަމްޕާއެވެ. އަދި ފަހުގެ އަހަރުތައް ކުުޅުމަށް އެޑް މެކްވޭ ކާސްޓުކޮށްފައިވާއިރު ކޭޓްގެ ރޯލުން ފެންނާނީ މެގް ބެލަމީއެވެ. މި ސީރީޒްގައި މެގް ބެލަމީ ފެންނާނީ، ސްކޮޓްލޭންޑްގެ ސެއިންޓް އެންޑްރިއުސް ޔުނިވާސިޓީގައި ކިޔަވަން ހުރި ދުވަސްވަރު ޒުވާން ކޭޓް މިޑްލްޓަންގެ ގޮތުގައެވެ.

ކޭޓް މިޑިލްޓަންގެ ރޯލަށް ކާސްޓުކޮށްފައިވާ މެގް ބެލަމީ (ކ) އާއި ޕްރިންސް ވިލިއަމްގެ ރޯލަށް ކާސްޓުކުރި މެކްވޭ --

މި ތިން އެކްޓަރުންނާއެކު ސީޒަން ހައެއްގެ ޝޫޓިން ސެޕްޓެމްބަރު މަހު ފަށައި، އަންނަ ނޮވެމްބަރުގައި ނެޓްފްލިކްސްއިން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

'ދަ ކްރައުން'އަކީ އެކި ފަހަރުމަތިން ގޯލްޑަން ގްލޯބްސް އާއި އެމީސް އަދި ބަފްޓާ އެވޯޑަށް ނޮމިނޭޓްވެ، އޭގެ ތެރެއިން ބައެއް އެވޯޑު ލިބިފައިވާ ކާމިޔާބު ސީރީޒްއެކެވެ.