05 Sep 2022, 09:45
އެމެރިކާގެ ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ސްޕެއިންގެ ރަފައެލް ނަޑާލް ހޯދައިފިއެވެ.
މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ހަތަރުވަނަ ބުރުގެ ޖާގައެއް ނަޑާލް ހޯދާފައިވަނީ، ފްރާންސްގެ ރިޗަޑް ގަސްކުއޭ އާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗު ނަޑާލް ކާމިޔާބުކޮށްފައިވަނީ، ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ނަޑާލް ގެންގޮސްފައިވަނީ، 0-6, 6-1, 7-5 ގެ ނަތީޖާއަކުންނެވެ.
މިއީ ނަޑާލްގެ ކެރިއަރުގައި ގަސްކުއޭގެ މައްޗަށް ކުރިހޯދި 18 ވަނަ ފަހަރެވެ. ގަސްކުއޭގެ ރެކޯޑްތަކަށް ބަލާއިރު، އެންމެ ގިނައިން ބަލިވުމުގެ ރެކޯޑް އޮންނަނީ ވެސް ނަޑާލް އަތުންނެވެ.
ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށް ނަޑާލް ނިކުންނާނީ ފްރާންސެސް ޓިއަފޯ އާ ދެކޮޅަށެވެ.
މެޗަށް ފަހު މީޑިއާއަށް މައުލޫމާތުދެމުން ނަޑާލް ބުނީ، އިއްޔެގެ މެޗަކީ މި މުބާރާތުގައި އެންމެ ރަނގަޅަށް ކުޅެވުނު މެޗްކަމަށެވެ.
"ކުރީ ދުވަހުގެ މެޗް ދިޔައީ ވަރަށް އުނދަގޫކޮށް. މިއަދުގެ މެޗަށް ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރިން. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ސެޓް ދިޔައީ ވަރަށް ފަސޭހަކޮށް. ނަމަވެސް ދެވަނަ ސެޓް ދިޔައީ ވަރަށް އުނދަގޫކޮށް،" ނަޑާލް ބުންޏެވެ.
ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށް ޓިއަފޯއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ނަޑާލް ބުނީ، ޓިއަފޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއްކަމަށެވެ. އޭނާއާ ދެކޮޅަށް ކުރިމަތިލާއިރު، މިހާރު ހުރި ލެވެލުން އިތުރު ލެވެލަކަށް ދާންޖެހޭކަމަށް ނަޑާލް ބުންޏެވެ.