31 Mar 2012, 11:51
ވެރިކަމުގެ ތިން އަހަރުގައި މަސައްކަތް ކުރެއްވެވީ އެމެރިކާގެ ވިސްނުމާ އެއްގޮތަށް ކަމަށާއި އިޒްރޭލާ އެކު ރަނގަޅު ގުޅުމެއް އުފައްދަން ބޭނުންވި ކަމަށާއި ނަމަވެސް އެމެރިކާ އިން އެކަންތައްތަކަށް ބަލާފައި ނުވާތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޓީވީ ސްޓޭޝަންތަކަކާއި ރޭޑިއޯ ސްޓޭޝަންތަކުން ދައްކާ ޕްރޮގްރާމެއް ކަމަށްވާ "ޑިމޮކްރަސީ ނައު" އަށް މިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ހިނގަމުން ދިޔަ ކަންތައްތަކަށް ނުބަލައި އެމެރިކާ އިން ރައީސް ވަހީދުގެ ސަރުކާރު ބަލައި ގަތުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި އެމެރިކާ އިން އެކަން އަލުން ބަލައި، އަވަސް އިންތިހާބަކަށް ގޮވާލާނެ ކަމަށް އަދިވެސް އުއްމީދުކުރައްވާ ކަމަށެވެ.
"ކުރީގެ ހުދުމުހުތާރު ވެރިކަން އެނބުރި އައުމުން އެމެރިކާ އިން އެހާ ފަސޭހައިން އެ ވެރިކަން ބަލައިގަތުމަކީ ހައިރާންކަމާއި ހިތާމަ ލިބުނު ކަމެއް. އަޅުގަނޑުމެން އުއްމީދު ކުރަމުން ދިޔައީ ހެކިތަކަށް ބަލައި، ރާއްޖޭގައި ހިނގިމުންދިޔަ ކަންތައްތައް އެމެރިކާއިން ދެނެ ގަންނާނެ ކަމަށް. އަޅުގަނޑުމެން އަދިވެސް އުއްމީދު ކުރަނީ އެމެރިކާ އިން އެ ކަންތައްތަކަށް ބަލައި، ހުދުމުހުތާރު ވެރިޔާ އަށް ނުވަތަ ޑރ. ވަހީދު އިސްތިއުފާ ދެއްވައި އިންތިހާބެއް ބޭއްވުމަށް ގޮވާލާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވީ އެންމެ ބޮޑު ހިތާމައެއް ލިބިވަޑައިގަތީ ފާއިތުވި ތިން އަހަރު އެމެރިކާގެ ހިޔާލާތާ އެއްގޮތަށް އެމަނިކުފާނު މަސައްކަތްކޮށްދެއްވެވި އިރު އެކަން އެމެރިކާ ސަރުކާރަށް ނުވިސްނުމުން ކަމަށެވެ.
"މިދިޔަ ތިން އަހަރުވެސް އަޅުގަނޑުމެން މަސައްކަތްކުރީ އެމެރިކާގެ އައިޑިއަލްތަކާ ގާތްކުރާ ގޮތަކަށް ޑިމޮކްރަސީއާއެކު، އިޒްރޭލާއެކީ ގުޅުން ރަނގަޅުކުރަން އަޅުގަނޑުމެން ބޭނުންވި. އަހަރެމެން މަސައްކަތް ކުރީ މެދުމިނުގެ އިސްލާމީ ގައުމަކަށް ރާއްޖެ ހަދަން. މަދަނީ ހުރިހާ މިނިވަންކަމަކާއި އިންސާނީ ހައްގުތަކަށް، އެހެންވީމާ ރާއްޖޭގައި ހިނގަމުން ދިޔަ ކަންތައްތައް ތިޔަބޭފުޅުންގެ [އެމެރިކާގެ] ސަރުކާރުން ދެނެ ނުގަތުމަކީ ފުން، ފުން ހިތާމައެއް ލިބުނު ކަމެއް،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ